ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރަށް ކޮމްޕެކްޓަރ ވެހިކަލްތަކެއް އާއިލީ ކުންފުންޔަކުން ގަތް ކަމަށްބުނެ ކޮށްފައިވާ ތުހުމަތު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އެކަން ދޮގުކޮށްފިއެވެ.
ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޭއި މަހުގެ 6 ވަނަ ދުވަހު “ދިޔަވަރު” ވެބްސައިޓުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރާއި ކުންފުނީގެ މާލީ ނަޒާހަތްތެރިކަމާއި ގުޅޭގޮތުން ޝާއިއިކޮށްފައިވާ އާރޓިކަލަކީ އެއްވެސް ހަގީގަތެއް ނުވަތަ ހެއްކެއް ނެތި ޝާއިއުކޮށްފައިވާ ދޮގު ލިޔުމެއްކަމަށެވެ. އަދި އެކަން ކުންފުނީގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވެމްކޯގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ވެމްކޯގެ ބަޔާނުގައި ބުނެފައިވަނީ “ދިޔަވަރު” އެއީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ (އެމް.އެމް.ސީ) ގައި ރެޖިސްޓްރީ ކޮށްފައިވާ ފަރާތެއްނޫންކަމަށެވެ. އެފަދަ ހަގީގަތެއްނެތް އާރޓިކަލްއެއް ޝާއިއު ކުރުމުގެ ކުރިން ވެމްކޯއަށް “ދިޔަވަރު” އިން އެއްވެސް މުއާމަލާތެއް ކޮށްފައިނުވާކަމަށް ވެމްކޯގެ ބަޔާނުގައިވަނީ ބުނެފައެވެ.
ވެމްކޯއިން ބުނެފައިވަނީ ކުންފުނިން ކުރާ ހުރިހާ މާލީ ނިންމެވުންތަކަކީ އެކަމަށް ޙާއްސަ ފާރާތްތަކެއްގެ ބައިވެރިވުން ހިމެނޭ ފުރިހަމަ ނިޒާމެއްގެ ތެރެއިން ދެފުށްފެންނަ ގޮތަށް ނިންމަމުންދާ ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން ވެމްކޯގެ މާލީ ކަންކަން ނިންމާނީ ކުންފުނީގެ ބޯޑާއި، ބޮޑް ކޮމިޓީގެ ނިންމުތަކަށް ބިނާކޮށް އެފަރާތްތަކުން ކަން ބަޔާނުގައި ވަނީބުނެފައެވެ. “ދިޔަވަރު” އިން ޝާއިއުކޮށްފައިވާ އާޓިކަލްއަކީ އެއްވެސް ގޮތަކަށް އެކަމާއިމެދު މަޝްވަރާ ކުރެވިފައި ނުވާ މަޝްވަރާއެއްކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
މީގެއިތުރުން ވެމްކޯއިން ބުނެފައިވަނީ މިފަދަ ހަބަރުތަކަކީ ވެމްކޯގެ މަތީ މެނޭޖްމެންޓްގެ ބޭފުޅުންގެ އަބުރާއި އިއްޒަތް ނަގާލުމަށާއި ކުންފުނީގެ މާލީ އަމާނާތްތެެރިކަމާއި، ނަޒާހަތްތެރިކަމާއި ބެހޭގޮތުން އާންމުންގެ ހިތްތަކުގައި ސުވާލު އުފައްދާ، ނުރަނގަޅު ތަސައްވަރެއް އުފެދުމުގެ ބޭނުމުގައި ލިޔެފައިވާ ލިޔުންތަކެއްކަމަށެވެ.
ވެމްކޯއިން ބުނެފައިވަނީ މިފަދަ ކަންކަމުގެ ސަބަބުން އާންމުގެ ތެރޭގައި ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ ބުރަ މަަސައްކަތުގެ އަގުވަޒަންނުވުމުގެ ފުރުސަތު ބޮޑުވާކަމަށެވެ.


