Tuesday, 28 July 2026

ފެކްޓް ޗެކް: ހުއްދަ ނުހޯދާ ހެލިކޮޕްޓަރ ބޭނުންކުރިކަމަށް ވިދާޅުވެ ޣައްސާން ދެއްކެވި ވާހަކަ އިންޑިއާއިން ދޮގު ކޮށްފި

އިންޑިއާގެ ސަރުކާރުން ރާއްޖެ އަށް ދީފައިވާ ހެލިކޮޕްޓަރުތަކުގައި ތިބި އެ ގައުމުގެ ސިފައިން އެމްއެންޑީއެފަށް ނޭނގި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ދުއްވި ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ކުރެއްވި ތުހުމަތު އިންޑިއާއިން މިއަދު ދޮގުކޮށްފި އެވެ.

މިމަހުގެ 11 ވަނަ ދުވަހު ދިވެހި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގައި ބޭނުން ކުރަމުންދާ އިންޑިއާގެ ހެލިކޮޕްޓަރ ހުއްދަ ނެތި ބޭނުންކޮށްފައިވާކަމަށް ޑިފެންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ގައްސާން ވިދާޅުވީ ހުއްދަނެތި ހެލިކޮޕްޓަރު ދަތުރުކުރީ ތ. ތިމަރަފުށްޓަށް ކަމަށެވެ.

"އަޅުގަނޑު ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރި މިދިޔަ ފަސް އަހަރުގެ ތެރޭގައި 241 ކޮމިޓީން އޮންނާނެ ބަލާފައި ދިވެހިންގެ ހުއްދަ ނެތި ފްލައިޓެއް އަޅާފައި އޮތް ކަން. ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރެއް އޭރު އޮތީ ދުއްވާފައި. އެއީ ތިމަރަފުއްޓަށް ލޭންޑްކުރި އިންސިޑެންޓެއް،" ގައްސާން ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގައި ހުރި އިންޑިއާގެ ވައިގެ އުޅަނދުފަހަރު ބޭނުންކުރަމުން އައީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހޯދަންޖެހޭ ހުއްދަތައް ނަގައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކޮށްފައިވާ، 9 އޮކްޓޯބަރ 2019ގައި ކުރި ދަތުރަކީވެސް އެއުސޫލުގެމަތިން ކޮށްފައިވާ ދަތުރެއްކަމުގައިވެސް އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެއެވެ.

މި މަހު 10ވަނަ ދުވަހު ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ އިންޑިއާއަށް ގޮސްފައިވާކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ. އިންޑިއާ އިން ހަދިޔާކޮށްފައިވާ އުޅަނދުތައް ދެން އޮޕަރޭޓް ކުރާނީ އެގައުމުގެ މަދަނީ މީހުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *