ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް މަގާމުން އެކަހެރިކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފިއެވެ.
ގިނަ މައްސަލަތަކެއް ބަލަމުންދާތީވެ، ރަމީޒު މަގާމުން އެކަހެރި ކޮށްފައިވާ ކަމަށް ބުނެ "ދިޔަވަރު" ނަމަކަށް ކިޔާ އޮންލައިން ސައިޓެއްގައި ބުނެފައިވެ އެވެ.
އޭގައި ބުނެފައިވާ ގޮތުން ރަމީޒު މަގާމުން އެކަހެރިކޮށްފައިވީ ނަމަވެސް, އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ނަންފުޅު ބޭނުންކުރައްވައިގެން މަޖިލިސް އިންތިޚާބުގައި ބައެއް ކެންޑިޑޭޓުންނަށް ވޯޓު ހޯދަން މަސައްކަތް ކޮށްފައެވެެ. އޭގެ އިތުރުންވެސް ގިނަ ތުހުމަތުތަކެއް ރަމީޒުއަށް އެ ވެބްސައިޓުގައި ކޮށްފައިވެއެވެ.
ދައުރުކުރުވަމުންދާ ވާހަކަތަކާއި ގުޅޭ ގޮތުން ބަހެއް ހޯދާލަން ގުޅާލުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ރަމީޒު ސަސްޕެންޑް ކުރި ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ރަމީޒާ ގުޅޭ ގުޅުންހުރި މައްސަލައެއް ބަލަމުން ނުދާ ކަމަށް ވެސް ހިނާ ކަށަވަރުކޮށްދެއްވި އެވެ.
ރަމީޒު ހިމެނިވަޑައިގަންނަވާހެން ރައީސް އޮފީހުގައި މިނިސްޓަރު ފެންވަރުގެ 11 ބޭފުޅުން ތިއްބަވަ އެވެ.


