ތިލަފުށީގައި ހުންނަ ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓުގައި ރޭ ހިނގި އަލިފާނުގެ ހާދިސާ، 10 ގަޑިއިރަށްވުރެ ގިނަ އިރު މަސައްކަތް ކުރުމަށްފަހު މިއަދު ހެނދުނު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭގެ 10:20 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު ތިލަފުށީ ފަޔާ ސްޓޭޝަނާއި މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ އޮޕަރޭޝަނެއް ފަށާފައެވެ.
މުޅި ސަރަހައްދަށް ފެތުރެމުންދިޔަ އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާނެހެން ކޮންޓްރޯލް ކުރެވުނީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް، އަލިފާން ރޯވީ ކުނިގޮނޑެއްގައި ކަމަށްވާތީ، ކުނިތަކުގެ އަޑީގައި އަދިވެސް އަލިފާނުގެ އަސަރު ހުރުމުން ފަޔާ ފައިޓަރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށްޓަކައި އަދިވެސް އިތުރު ވަގުތު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ސިފައިން ވިދާޅުވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.


