މަދިރީގެ ޒަރީއާއިން ޒިކާ ވައިރަސް ފެތުރެމުން އަންނަ ކަމަށް ދެކެވޭ ވާހަކަތައް ހެލްތް މިނިސްޓްރީން ދޮގުކޮށްފި އެވެ.
އެ މިނިސްޓްރީން މިހެން ބުނެފައި މިވަނީ، ރާއްޖޭގައި ޒިކާ ވައިރަސް ފެތުރެމުންދާކަމަށް، ރާއްޖޭގެ ބޮޑެތި ބައެއް އޮންލައިން މީޑިއާތަކުން ރިޕޯޓުކޮށްފައިވާތީއެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ، ރާއްޖޭގައި ޒިކާ ވައިރަސް ފެތުރެމުންދާކަމަށް ދެކެވޭ ވާހަކައަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ޒިކާ ވައިރަސް ފެތުރެމުން ނުދާކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.
"ޒިކާ ވައިރަސް ފެތުރެމުންދާ ކަމަށް ދެކެވޭ ވާހަކައަކީ ރަނގަޅު މައުލޫމާތެއް ނޫން," އޭނާ ވިދާޅުވިއެވެ.
ޒިކާ ވައިރަސް ފެތުރޭ ހަބަރު ފެތުރިފައިވަނީ މޯލްޑިވްސް ރެޑް ކްރެސެންޓުން މިއަދު މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އާންމުވަމުން ދާތީ ހޭލުންތެރިކުރުވުމުގެ ގޮތުން އާންމުކުރި ވީޑިއޯއެއްގަ އެވެ.
އެވީޑިއޯގައި މި ބަލިތަކާއި ގުޅޭގޮތުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ރާއްޖޭގައި އިތުރުވަމުންދާ ކަމަށެވެ. އެގޮތުން، ޑެންގީ ހުމާއި ޗިކުންގުންޔާ އަދި ޒިކާ ވައިރަސް ފެތުރޭކަން އޭނާ ފާހަގަކުރެއްވި އެވެ.
ޑެންގޫ އަދި ޗިކުންގުންޔާ ފަދަ ބަލިތައް ފަތުރާ އީޑީޒް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޒިކާ ވައިރަހަކީ، ދުނިޔޭގެ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަނޑައަޅާފައެވެ.
ޒިކާ ވައިރަސް ޖެހުމުން ގާތްގަނޑަކަށް 80 ޕަސެންޓު މީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެނެއެވެ. ބައެއް މީހުންގެ ގައިން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއެކު ގައިން ރަތްކުލައިގެ ކުދި ބިހިތަކެއް ނެގުމާއި ލޯރަތްވުން، ގައިގައިރިއްސުން، ބޮލުގައިރިއްސުން އަދި ހުޅުތަކުގައި ރިއްސުން ހިމެނެއެވެ.
މި ވައިރަސްގެ ސަބަބުން މައިގަނޑު ގޮތެއްގައި އަސަރު ކުރަނީ މާބަނޑު ދުވަސްވަރު ބަނޑުގައި އޮންނަ ކުޑަ ދަރިފުޅަށެވެ. ޒިކާގެ ވައްތަރުތަކުގެ ސަބަބުން ގިނަ ފަހަރަށް ކުއްޖާ އުފަންވާއިރު ހުންނަ އައިބުތައް ވަރަށް ބޮޑަށް ފެނެ އެވެ.


