ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ބައިވެރިވާ ބޭރުގެ ހަރަކާތްތަކުގައި އެ ކުންފުނީގެ ޗެއާޕާސަން ނޫރައިން މުހައްމަދު އަލީ ޖަނާހު ބައިވެރިނުކުރާން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެންގެވި ކަމަށް ބުނެ ފަތުރާ ވާހަކަ ފައިސަލް ދޮގުކުރައްވައިފިއެވެ
ޗެނަލް13ގެ ލިޔުން ޝާއިއު ކުރައްވައި، ފައިސަލް މީސްމީޑިއާގައި މިރޭ ވިދާޅުވީ އެއީ ޗެނަލް13 ގައި ލިޔެފައިވާ ރޯބުހުތާނު ދޮގެއް ކަމަށާއި، ޒާތީވެ ބުލީކޮށްގެން ފަހަތަށް ނުޖެއްސުމުން ބޮޑެތި ދޮގު ވާހަކަތައް ފަތުރައިގެން ވެސް އޭނާ ފަހަތަކަށް ނުޖެއްސޭނެ ކަމަށެވެ.
އަދި ފައިސަލް ވަނީ ކުރިއަށް އޮތް އައިޓީބީ ޗައިނާ ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައިވެސް ނޫރައިން ބައިވެރިވާނެކަމަށް ވިދާޅުވެފައެވެ.
"އިންތިޒާމުކޮށް ރޭވިގެން މި ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަނބަލުންނަށް ޓާގެޓުކޮށްގެން މިފަދަ ދޮގު ވާހަކަތައް ފަތުރައިގެން އެކަނބަލުންގެ އަޒުމް ބަލިކަށި ނުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބަ އޮތް،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވަނީ ޓޫރިޒަމް މިނިސްޓްރީއާ އެމްއެމްޕީއާރުސީއާ ދެމެދު އޮތީ ބަދަހި ގުޅުމެއްކަމަށް ވިދާޅުވެފައެވެ.


