ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް މަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ، އެ ރަށުގެ ގޮނޑުދޮށުން ފެނިއްޖެއެވެ.
މި މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 04:05 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ.
ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވައެވެ. އޭނާ ފެނިފައިވަނީ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އާންމުންގެ ޑިންގީއަކަށެވެ.
އޭނާއަށް އަވަސް ސިއްހީ ފަރުވާ ދިނުމަށް ޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފައި ކަމަށާއި އަދި ފަރުވާ ދިނުމަށްފަހު އޭނަގެ ހާލު ރަނގަޅު ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މި އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އުޅަނދުފަހަރުގެ އިތުރުން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުތަކުން ދިން ފުރިހަމަ އެއްބާރުލުން އެމްއެންޑީއެފް އިން ވަނީ ފާހަގަކޮށްފައެވެ.


