Tuesday, 28 July 2026

ފެކްޓް ޗެކް: އޭސީސީގެ ރިޕޯޓު ބޮލާލާ ޖަހާފައި ފްލެޓް ދޫނުކުރެވޭނެ – ހީނާ

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެފައިވާ ރިޕޯޓު ބޮލާލާޖަހާފައި ފްލެޓްތައް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އޭސީސީގެ ރިޕޯޓުގައި ފްލެޓު ލިސްޓާ ގުޅޭ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ފްލެޓު ދޭއިރު އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ދިއުމަކީ މި ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށެވެ.

"އެ ހުރިހާ ކަންބޮޑުވުންތަކެއް އޭސީސީގެ ރިޕޯޓުގައި ހާމަކޮށްފައި ވަނިކޮށް އެ ރިޕޯޓަށް ބޮލާލައި ޖަހައި އަޅުގަނޑުމެން އެހެން ގޮތަކަށް ނިންމުމަކީ ފްލެޓު ނުލިބޭ ފަރާތްތަކުގެ ވެސް ފްލެޓު ލިިބިފައި ފަރާތްތަކުގެ ވެސް ހައްގުތަކެއް ވެސް ގެއްލިގެންދާ ކަމެއް،" ހީނާ ވިދާޅުވި އެވެ.

ހީނާ މިހެން ވިދާޅުވި އިރު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓަށް އެއްވެސް ބަދަލެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފްލެޓުތައް ހަވާލުކުރުމަށް އެންގުމަށް މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުން މިހެން ފާސްކުރުމާއި ގުޅިގެން އާންމުން މީސް މީޑިޔާގައި ދަނީ އޭސީސީއިން ނެރެފައިވާ ދެކޮޅަށް ސަރުކާރުން ފްލެޓްތައް ދޭން މަސައްކަތް ކުރަމުންދާކަމަށް ބުނަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދޫކުރަން ނިންމި އެ ފްލެޓްތައް ދޫކުރުމުގެ ކުރިން ވެރިކަން ބަދަލުވުމުން، މި ސަރުކާރުން ވަނީ ފްލެޓްތައް ދޫނުކޮށް ވަނީ ހިފަހައްޓައިފަ އެވެ. އެއީ ފްލެޓް ލިސްޓުގައި މައްސަލަތަކެއް އުޅޭތީ ކަމަށް ބުނެ އެވެ.

އެ މައްސަލަ އޭސީސީން ބެލުމަށްފަހު އެކަމުގައި ހުރި މައްސަލަތައް ސަރުކާރަށް ވަނީ ހުށަހަޅާފަ އެވެ. ނަަމަވެސް ފްލެޓް ދޫކުރުމުގެ ބަދަލުގައި "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށް "ހައުސިން ކޮމިޓީ"ގެ ނަމުގައި ސަރުކާރުން ކޮމިޓީއެއް އުފެއްދި އެވެ. މިހާރު އެ މައްސަލަ އޮތީ އެ ކޮމިޓީގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *