ނ ކުޑަފަރީގެ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކޮންޓްރެކްޓަރާއި ހަވާލުކުރެވި އެޑްވާންސްވެސް ދޫކުރެވިފައިވާއިރު ދައުރު ނިމުނު އިރުވެސް މަސައްކަތްތައް ފަށާފައިނުވާކަމަށް ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ޙަލީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރު އަހުމަދު އީސާ ނ ކުޑަފަރީގެ ސިއްހީ މަރުކަޒުގެ މަސައްކަތްތަކާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ހަލީލް ވިދާޅުވީ، ނ ކުޑަފަރީގެ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްތައް ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހަވާލުކުރެވިފައިކަމަށެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވެގެން އައި އިރުވެސް އެ މަސައްކަތްތައް އަމަލީގޮތުން ފަށާފައިނުވާކަމަށް ފާހަގަކުރެއްވިއެވެ.
ކުޑަފަރީގެ ސިއްހީ މަރުކަޒުގެ މަސައްކަތް މި ސަރުކާރުން ހުއްޓުވާފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅުވައިގެން މިނިސްޓަރ ވިދާޅުވީ ސަރުކާރުންދަނީ ކޮންޓްރެކްޓަރާއި މުއާމަލާތްކޮށްގެން އެ މަސައްކަތްތައް ފަށައި ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތްތައް ކުރަމުންކަމަށެވެ.
އެހެންނަމަވެސް ދެ ފަހަރެއްގެ މަތިން މަސައްކަތްތައް ކުރިނަމަވެސް އަދިވެސް އަމަލީގޮތުން އެ މަސައްކަތްތައް ފަށަައިގަނެފައިނުވާކަމަށާއި ސަރުކާރުންވާނީ ކޮންޓްރެކްޓަރަށް އެކަމާއި ގުޅިގެން ނޯޓިސްވެސް ފޮނުވާފައިކަމަށް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިހާރު މަސައްކަތްތާއި ހަވާލުވެފައިވާ ކޮންޓްރެކްޓަރަށް ނުވާކަމަށްވާނަމަ އެހެން ކޮންޓްރެކްޓަރެއް މެދުވެރިކޮށްވިޔަސް އެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށެވެ.
އޭގެއިތުރުން ކުޑަފަރީގައި ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށްވެސް މަސައްކަތްތައް ކުރައްވަމުންދާކަމަށާއި މިހާރުން މިހާރަށް ހައްލުކުރަންޖެހޭކަންކަން ހައްލުކުރެވިގެންދާނެކަމަށްވެސް ހާމަކުރެއްވިއެވެ.


