ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވ.ކެޔޮދޫ ދާއިރާގެ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރާ އާއިޝަތު އަފުނާނުގެ ނަން ކެންޑިޑޭޓުންގެ ލިސްޓުގައި އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފި އެވެ.
އީސީއިން މިހެން ބުނީ އަފްނާންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީއިން ނިންމީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމޭ ދެކޮޅަށް ކެންޑިޑޭޓުންގެ ލިސްޓުގައި އޭނާ ނެތް ކަމަށް ބުނެ އަފްނާނު އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
އަފުނާނު ހިއްސާކުރި ކެންޑިޑޭޓުންގެ ލިސްޓުގައި އޭރު އޭނާގެ ނަމެއް ނެތެވެ.
ނަމަވެސް އީސީ އިން ވަނީ ރަސްމީ ކެންޑިޑޭޓުންގެ ލިސްޓުގައި އަފުނާނުގެ ނަން އޮންނާނެ ކަމަށާއި އެކަން އޭނާއަށް އަންގާ ރަސްމީ ގްރޫޕުތަކަށް ވެސް ވައްދާފައިވާނެ ކަމަށެވެ.
މީގެއިތުރުން އަފުނާނު ކެންޑިޑެސީ ދިނީ ހުރިހާ ކެންޑިޑޭޓުން ގުރުއަތުލާ ހެދި ފަހުން ކަމަށާއި، އެހެންކަމުން ވެބްސައިޓުން ކެންޑިޑޭޓުންގެ ބައި އަޕްޑޭޓު ކުރިއިރު އަފުނާނު ކެންޑިޑޭޓަކަށް ނުވާކަމަށް އީސީއިން ވަނީ ބުނެފަ އެވެ. ނަމަވެސް އޭގެ ފަހުން ވެބްސައިޓު ސިންކު ނުކޮށް އިންދާ އަފުނާނު ޕޯސްޓު ކުރީމަ އައިޑެންޓިފައިވީ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މީގެއިތުރުން ސުޕްރީމް ކޯޓުގެ ހުކުމާ ދެކޮޅަށް ކެންޑިޑޭޓެއްގެ ނަން ލިސްޓުން އުނިކުރުމަކީ އީސީއިން ގަބޫލުކުރާ އަދި އަމަލުކުރާނެ ގޮތް ނޫން ކަމަށް ވެސް އޭނާ އީސީއިން ބުނެއެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ފަހު، ނެރުނު ހުކުމުގައި ވަނީ އަފްނާނުގެ ފޯމުގައި، އޭނާގެ ރަސްމީ އެޖެންޓުގެ ދަރަންޏެއް ނެތް ކަމަށް ބުނާ ފެމިލީ ކޯޓުގެ ތަތްގަނޑާއެކު އެޓޭޗުމަންޓެއް ހިމަނާފައިވާއިރު އޭގައި މައުލޫމާތު މަދުކަން ޔަގީން ކުރަން އިލެކްޝަނުން މަސައްކަތް ކުރި ކަން ބެލެވެން ނެތް ކަމަށެވެ.
އެެ ކޮމިޝަނުން މަސައްކަތް ކުރި ނަމަ، މުއްދަތު ހަމަވުމުގެ ކުރިން މައުލޫމާތު ހަމަ ކުރުމަށް ކެންޑިޑެސީ ހުށަހެޅި ފަރާތަށް އަންގަން ފުރުސަތު ލިބޭނެ ކަމާއި، މައުލޫމާތު ހަމަނުވާ ކަން ޔަގީންކުރުމަށް ފަހު ކެންޑިޑެސީ ބާތިލް ކުރި ކަމަށް ވެސް ނިންމޭނެ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.


