ނުޒުހާ މަގާމަށް އައްޔަން ކުރުމަށް ރައީސް އޮފީހުގައި ރަސްމިއްޔާތެއް ބޭއްވުމުގެ ބަދަލުގައި މަގާމުގެ ސިޓީ ގެއަށް ފޮނުވީ އަވަސްކުރަން ކަމަށް ރައީސް އޮފީހުގެ ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ޚަލީލް ވިދާޅުވެއްޖެ އެވެ.
ޚަލީލް އާއި ހަވާލާދީ "ވަގުތު" ނޫހުގައި ޝާއިއުކުރި ހަބަރުގައި ވަނީ ނުޒުހާގެ ގެއަށް ފަތްކޮޅު ފޮނުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ދަތުރުކުރެއްވުމުގައި އަވަދިނެތި އުޅުއްވުމުގެ ސަބަބުން ނުޒުހާ އެ މަޤާމަށް އައްޔަން ކުރައްވަން މާބޮޑަށް ވެސް ލަސްވެފައިވާތީ ކަމަށެވެ.
މީގެއިތުރުން އަދި ޚަލީލް އާއި ހަވާލާދީ ހަބަރުގައި ވަނީ މި މަގާމަށް މީހަކު އައްޔަނު ކުރުމަކީ ރަސްމިއްޔާތެއް ބާއްވައި، ފަތްކޮޅު އަރުވާގޮތަށް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ގާނޫނުގައި ނޯންނަ ކަމަށް ވެސް ބުނެފައެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް މަސައްކަތް ކުރި، ނުޒުހާ އެ މަގާމަށް އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދިނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. 34 މެމްބަރުންގެ ވޯޓާއި އެކު ނުޒުހާ ބްރޯޑްކޮމްއަށް އައްޔަނު ކުރުމަށް ފެންނަކަމަށް ފާސްވުމުން ދެން އިތުރު ނަމަކަށް ވޯޓަށް އަހާފައި ނުވެއެވެ.
މަޖިލިސް ތަޅުމަށް ނަން ފޮނުވިއިރު، ނުޒުހާގެ ނަން އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލިސްޓުގެ އެންމެ ކުރީގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ގޮތެއްގައި އަމަލުކުރަމުންދިޔަ ގޮތާއި ހިލާފަށް ނުޒުހާއަށް ފަތްކޮޅު ލިބުނީ އޭނާގެ ގެއަށް އެ ފަތްކޮޅު ރައީސް އޮފީހުން ފޮނުވުމުންނެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާއަށް ރައީސް މުއިއްޒު ސޮއިކުރައްވާފައި އޮތް ފަތްކޮޅު ލިބުނީ މެންދުރުފަހު 3:30 ހާއިރު އެވެ.

މަގާމުތަކަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ފަހު ލިޔުން ހަވާލު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއި, ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމާއި އަދި ނިމިގެންދިޔަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ރައީސް އޮފީހުން އަމަލުކޮށްފައި ވަނީ އެހެންނެވެ.
އެ އޮފީހުން އަމަލުކުރަމުން އައި ގޮތް ކުއްލިއަކަށް ބަދަލުކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.


