Tuesday, 28 July 2026

ފެކްޓް ޗެކް: ހިލާލީގެއިން ބަދަލުވި ވާހަކަ ނައިބު ރައީސް ދޮގު ކުރައްވައިފި

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އުނދަގޫފުޅު ބޮޑުވެގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިލާލީ ގެއިން ނިކުމެވަޑައިގެންނެވި ކަމަށް ބުނެ ދެކެވުނު ވާހަކަ އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.

ޗެނެލް 13އިން އިއްޔެ ވަނީ ރައީސް ޑރ. މުއިއްޒު ނައިބު ރައީސަށް ޖާސޫސް ކުރާތީ އެކަމާ އެމަނިކުފާނު ހިތްހަމަޖެހިވަޑައިނުގެން ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ އަމިއްލަ އެޕާޓުމެންޓަކަށް ބަދަލުވެވަޑައިގެންނެވި ކަމަށް ބުނެ ހަބަރު ފަތުރައިފައެވެ.

މިކަން ދޮގުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް، ނައިބު ރައީސް ވިދާޅުވީ މިއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކައެއްކަމަށެވެ. މުޅި މުޖުތަމަޢުގެ މަސްލަހަތު ހިމެނޭ މިފަދަ ވާހަކަތައް ފެތުރުމުގެ ކުރިން، ކަމުގެ ހަޤީޤަތް އޮޅުންފިލުވުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޗެނެލް 13އިން ރިޕޯޓުކޮށްފައި ވަނީ، ނައިބު ރައީސް ބައްދަލު ކުރައްވާ ބޭފުޅުންނާއި ފޯނަށް ގުޅުއްވާ އަދި މެސެޖު ކުރައްވާ ބޭފުޅުންވެސް ޑރ. މުއިއްޒު ބައްލަވާ ކަމަށެވެ. އަދި އެކަން ކުރައްވަނީ ހިލާލީގޭގެ ޗީފް އޮފް ސްޓާފަށް ޑރ. މުއިއްޒުގެ އާއިލާ ބޭފުޅަކު އައްޔަން ކުރެއްވުމަށްފަހު ކަމަށްވެސް އެ ޗެނަލުން ރިޕޯޓުކުރިއެވެ.

ނައިބު ރައީސް ވަނީ މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ މުޖުތަމަޢުގައި ފިތުނަފަސާދަ އިތުރުވެ މަސްލަހަތު ގެއްލޭނެ ކަމެއްކަމަށް ފާހަގަކޮށް، މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ގޮވާލައްވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *