ކަސްޓަމްސްގެ ކޮމިޝަނަރ ޖެނަރަލް ގެންގުޅުއްވާ ކާރުކޮޅުކަމަށް ބުނެ މީސްމީޑިޔާގައި ދައުރުވަމުންދާ ކަސްޓަމްސްގެ ލޯގޯ ޖަހާފައިވާ ކާރެއްގެ ފޮޓޯއިން ފެންނަނީ އެންފޯސްމެންޓް އެންޑް ބޯޑަރ ޕްރޮޓެކްޝަން ޑިޕާޓުމެންޓުގެ ބޭނުމަށް ތައްޔާރުކޮށްފައިވާ އުޅަނދެއްކަމަށް ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްގެ ކޮމިޝަނަރ ޖެނަރަލް ގެންގުޅުއްވާ ކާރުކޮޅުކަމަށް މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯ އާއި ގުޅިގެން ގިނަ ފާޑުކިޔުންތައް އަމާޒުވަމުންދިއުމާއިއެކު ކޮމިޝަނަރ މާނިއުވަނީ ކަމުގެ ހަގީގަތް އޮޅުން ފިލުއްވައިދެއްވައި އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
މާނިއުގެ ޕޯސްޓްގައި ވާގޮތުން ދައުރުވަމުންދާ ފޮޓޯގައި ފެންނަ ކާރަކީ އަލަށް ގާއިމުކުރުމަށް ނިންމާފައިވާ ކަސްޓަމްސްގެ އެންފޯސްމެންޓް އެންޑް ބޯޑަރ ޕްރޮޓެކްޝަން ޔުނިޓުގެ ބޭނުމަށް ތައްޔާރުކޮށްފައިވާ ކާރެކެވެ. އަދި ކާރުގައި ޖެހުމަށް ނިންމާފައިވާ އައު ނިޝާން އިންނާނީ ރަނުގެ އެކި ކުލަތަކުންކަމަށް ހިއްސާކުރެއްވިއެވެ. އެހެންކަމުން އަދި ކާރުގެ ބޭރަށްވެސް ބައެއް ބަދަލުތައް ގެނެސް ޒީނަތްތެރިކުރުމަށްވެސް ނިންމާފައިވާކަން ހާމަކުރެއްވިއެވެ.
މީގެއިތުރުން މާނިއުވަނީ އަލަށް ހާމަކުރާނެ ލޯގޯއާއި ގުޅޭނީ އެ ބަދަލުތައް ގެނެސްގެންކަމަށާއި، އެ ލޯގޯ ޖަހާނީ މިހާރުވެސް ޖަހަމުންދާ ގޮތަށް އުޅަނދުތަކުގެ އަރިމަތީގައިކަމަށް ވިދާޅުވެފައެވެ.
މާނިއު ވިދާޅުވީ، ފޮޓޯތަކުން ފެންނަމުންދާ ކާރާއިއެކު އަލަށް ބޭނުންކުރަން ފެށުމަށް ނިންމާފައިވާ 85 ފޫޓުގެ އެންފޯސްމަންޓު ވެހިކަލްއެއްވެސް އާންމުންނަށް ދައްކާލުމަށް ކަނޑައެޅިފައިވާކަމަށާއި، އެ އުޅަނދުވެސް ދާދި އަވަހަށް ގެނެވޭނެކަމަށެވެ.
އެއީ ޖަޕާނުގެ ސަރުކާރުން ހަދިޔާކުރި އުޅަނދެއް ކަމަށްވެސް މާނިއު ވިދާޅުވެފައިވެއެވެ.
ނަމަވެސް ފަހުން މާނިއު ވަނީ އެކަމާއިމެދު ރައްޔިތުންގެ ތެރޭގައި ހިތްހަމަނުޖެހުންތައް އޮތްކަމަށް ފެންނަން އޮތުމުން ކުރިން އޮތް ހާލަތަށް އަނބުރާ ގެންދަވާނެކަމަށް ވިދާޅުވެފައެވެ. އަދި އާންމުންގެ ފައިސާއެއް އެކަމަށް ހޭދެވެފައިނުވާކަމަށާއި، އެ ހުރިހާ ކަމެއްވެސް ކުރެއްވީ އަމިއްލަ ހަރަދުގައިކަމަށް ހިއްސާކުރެއްވިއެވެ.
މާނިއުވަނީ ފެންމަތިވެފައިވާ ކަންތަތަކަށް މާފަށް އެދިވަޑައިގެންފައެވެ


