Wednesday, 29 July 2026

ފެކްޓް ޗެކް: މުލިއާގޭގައި ކަރޯކޭ މެޝިނެއް ބެހެއްޓިކަމަށް ބުނެ ދައުރުކުރަނީ ފޭކު ފޮޓޯއެއް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާ އިން ކަރޯކޭ ޖެއްސުމަށް މުލިއާ ގޭގައި ބެހެއްޓިކަމަށް ބުނާ ކަރޯކޭ މެޝިނުގެ ފޮޓޯއަކީ ފޭކު ފޮޓޯއެއްކަން ހާމަވެއްޖެ އެވެ.

ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ކަރޯކޭ ކުޅުއްވުމަށް ދައުލަތުގެ މާލިއްޔަތުން ހަރަދުކޮށްގެން މުލިއާގެ އަށް ގަތް އަގުބޮޑު ކަރޯކޭ ސިސްޓަމު ގަނެފައިވާ ކަމަށް ބުނެ އޮންލައިން ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކަރޯކޭ ސިސްޓަމަށް ވިޔަފާރަވެރިޔާ އަދި ރައީސްގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖަނާހު 100،000 ޑޮލަރު ފަންޑު ވެސް ކޮށް ދެއްވާފައިވެ އެވެ.

ނަމަވެސް މހާތަނަށް ބެލިބެލުމުން މި ފޮޓޯއަކީ ވިއެޓްނާމުގެ ވެބްސައިޓެއްގައި ޖަހާފައިވާ ފޮޓޯއެއްކަން ވެސް ވަނީ ހާމަވެފައެވެ. އެފޮޓޯގެ އިތުރުން އެއާއި ދާދި އެގޮތް ކަހަލަ އެފަދަ ބްރޭންޑުގެ ސްޕީކަރުތައް ފެންނަ ފޮޓޯތަކެއް އެ ސައިޓުގައި ވަނީ ހިއްސާކޮށްފައެވެ.

މި ފޮޓޯ އެންމެ ފުރަތަމަ މީސް މީޑިޔާގައި ދައުރުކޮށްފައިވަނީ ކުރުސީގެ ނަމުގައި އިންނަ އެކައުންޓަކުންނެވެ.

އެކަމާއި ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށް ވިދާޅުވެފަ އެވެ.

"މިިއީ އެއްވެސް ދުވަސްވަރެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލާއިން ގޭތެރޭގައި ކުރައްވާ ކަމެއް ވެސް ނޫން. އެފަދަ ދޮގު ވާހަކަތައް ފަތުރަން މަސައްކަތްކުރާތީ ފެންނަނީ، ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ފަހު، އެފަދަ ބޮޑެތި ޚިޔާނާތްތައް ފޮރުވަން މަސައްކަތްކުރާ ފަރާތްތަކުން." އޭނަ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ، އެފަދަ ދޮގު ޚަބަރުތައް ފަތުރަމުންދަނީ ސަރުކާރު ހިންގަން ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، އެ މީހުންގެ ބޮޑެތި ހިޔާނާތްތައް ފޮރުވުމަށް މަސައްކަތް ކުރާ މީހުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *