އިންޑިއާ އިން ރާއްޖެ އަށް އަބަދުވެސް ފިޔާ އެތެރެ ކުރަނީ ވަކި ދެ ސަރުކާރުގެ ދެމެދުގައި ވެފައި އޮތް ހާއްސަ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެ އެއްބަސްވުމަށް މިހާރު ވެސް އަމަލު ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން މިއަދު ބުނެފިއެވެ.
ހައި ކޮމިޝަނުގެ އިސް އޮފިޝަލަކާއި ހަވާލާދީ ބައެއް މީޑިޔާތަކުން ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ރާއްޖެ އަށް ބޭނުންވާ ޒަރޫރީ ނުވަ ބާވަތެއް ފަސޭހަ ކަމާ އެކު، އެތެރެ ކުރުމަށް ތިން އަހަރުގެ އެއްބަސްވުމެއް އެބައޮތް ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ފިޔާ ވެސް ހިމެނެ އެވެ. ދެން ހިމެނެނީ ހަނޑުލާއި ހަކުރާއި ފުށާއި، އަލުވި، ބިސް، މުގު އަދި ހިލަ އާއި ހިލަވެއްޔެވެ.
ހައި ކޮމިޝަނުން ބުނީ އެއްބަސްވުން ހަމަވާން ކައިރިވީމަ، އެއްބަސްވުން އާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރަން ނިންމި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނެތުމުން ބައެއް އާންމުން ވަނީ ކަންބޮޑުވެފައެވެ. އެކަމަކު، އިންޑިއާ ހައި ކޮމިޝަނުން ބުނެފައި ވަނީ އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ނޫން ކަމަށެވެ.


