މިދިޔަ އޭޕްރީލް ހަތެއްގައި ފެށި ދިރާސީ އާ އަހަރުގެ ކިޔެވުން ނިންމައި، ހަތަރު އަހަރަށް ފަހު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި އެވެ.
މިއަދު ވަނީ، މާލެއާއި އަތޮޅުތަކުގެ ހުރިހާ ސްކޫލެއްގައިވެސް މި ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ރިޕޯޓު ފޮތް ދިނުން ކުރިއަށް ގެންގޮސްފައެވެ.
ކުރިން އޮންނަ ގޮތަށް، ދަރިވަރުންނަށް ޑިސެމްބަރުގައި ބޮޑު ޗުއްޓީ މި ލިބުނީ ހަތަރު އަހަރަށް ފަހު އެވެ. ކުރީގެ ސަރުކާރުން އަހަރުގެ މެދު ތެރޭގައި ދިރާސީ އަހަރު ފަށާ ގޮތަށް ހަދައި ބޮޑު ޗުއްޓީ ބަދަލުކުރުމުން، ބައެއް ބެލެނިވެރިންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ޑިސެމްބަރަށް އަލުން ބަދަލުކުރީ މި ސަރުކާރުގަ އެވެ.
މި ދިރާސީ އަހަރު ސަރުކާރުގެ 217 ސްކޫލެއްގައި 84000 އެއްހާ ދަރުވަރުން ކިޔެވިއެވެ. އަދި މިހާރު މި ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުން މިވަނީ ޗުއްޓީއަށް ގޮސްފައެވެ. ބައެއް ސްކޫލުތަކުގައި ދަރިވަރުންނަށް ރިޕޯޓް ފޯމް ދިނުމަށްޓަކައި އެކަން ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ. މީގެ 4 އަހަރު ކުރިން ދިރާސީ އަހަރުގެ ކިޔެވުން ފެށީ، އަހަރުގެ މެދުތެރޭގައެވެ. އެއާއެކު ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބުނީ، ޖޫން ޖުލައިގައެވެ.
އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭނީ ޖެނުއަރީ 27ގަ އެވެ. އެހެންކަމުން ދަރިވަރުންނަށް މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.


