އަންނަ އަހަރު 5 ރަށެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުމަށް ތަޢުލީމީ ވުޒާރާއިން ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވި ގޮތުގައި، މިއަހަރުގެ ސާނަވީ އިމްތިޙާނުގައި ރަށްރަށުގެ ގިނަ ސްކޫލުތަކުގެ ދަރިވަރުން ރަނގަޅު ނަތީޖާތަކެއް ހޯދާފައިވެއެވެ. އަދި އެ ސްކޫލްތަކުގެ ދަރިވަރުން މަތީ ސާނަވީއަށް ކިޔަވަން އެދޭނަމަ، އެ ރަށްތަކުގައި ތިބެގެން އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެނަށް ފާހަގަކުރެވިފައި އެބަހުރި، އެކަށީގެންވާ ޢަދަދެއްގެ ދަރިވަރުން ސްކޫލުތަކުގައި ގްރޭޑް 10 ނިންމާ، އަދި އޭގެ ތެރެއިން ވަރަށް ގިނަ ޢަދަދެއްގެ ދަރިވަރުން ވަރަށް ރަނގަޅު ނަތީޖާ ހޯދި ސްކޫލްތައް،" ޑރ. އަޙްމަދު ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ވަނީ މަތީ ސާނަވީއަށް ކުދިން ސްކޫލުތަކަށް ވެއްދުމުގެ ކްރައިޓީރިއާއަށްވެސް ބޮޑު ބަދަލެއް ގެންނަވާފައެވެ. މި ބަދަލާ އެކު، 3 މާއްދާ ނުވަތަ 4 މާއްދާއިން ފާސްވި ކަމުގައި ވީނަމަވެސް، އެ ކުއްޖަކު ކިޔަވަން ނުވަތަ ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
އަލަށް މަތީ ސާނަވީ ފެށުމަށް ހަމަޖެހިފައިވާ 5 ސްކޫލުގެ ނަންތައް އަދި ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.


