ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް 24 ދަރިވަރަކަށް ސްކޮލަރޝިޕް ދީފިއެވެ. 7 އަހަރުގެ މެދުކެނޑުމަކަށްފަހު މި ސްކޮލަރޝިޕްތައް ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސްކޮލަރޝިޕް ލިޔުންތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފެވެ.
މިފަހަރުގެ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބުރުގައި އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލްކުރުމަށް 17 ދަރިވަރަކަށް ފުލް ސްކޮލަރޝިޕް ދެވިފައިވާއިރު، އިތުރު 7 ދަރިވަރަކަށް ޚާއްސަ ސްކޮލަޝިޕް ދެވިފައިވެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި ދެވަނަ ބުރުގެ ސްކޮލަރޝިޕްތައް ވެސް ވަރަށް އަވަހަށް ހަވާލުކުރެވޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު "މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަކަށް މަތީ ތައުލީމަށް ސްކޮލަރޝިޕް ދެވޭ ފުރަތަމަ ފަހަރު" ކަމަށް ފާހަގަކުރެއްވިއެވެ.
ޒަކާތު ފަންޑުން މި އަހަރު ޖުމްލަ 50 ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލާފައިވާއިރު، އޭގެ ތެރެއިން 20 ފުރުޞަތަކީ ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުޞަތުތަކެވެ. އަދި 30 ފުރުޞަތަކީ މެލޭޝިއާ، ބުރުނާއީ، ސައުދީ އަރަބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުގައި ކިޔެވުމަށް ދެވޭ ފުރުޞަތުތަކެވެ. މީގެ ތެރެއިން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުޞަތު ވަނީ ކަނޑައަޅާފައެވެ.
އެންމެ ފަހުން ޒަކާތު ފަންޑުން ސްކޮލަރޝިޕް ދީފައިވަނީ 2018 ވަނަ އަހަރުގައި ކަމަށްވާއިރު، މި އަހަރުގެ ސްކޮލަރޝިޕް ޕްރޮގްރާމަށް އެދުމުގެ ފުރުޞަތު ހުޅުވާލެވުނީ މިދިޔަ އޭޕްރިލް މަހުގައެވެ. އަދި އެ ފުރުޞަތު ނިމުމަކަށް އައީ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.


