ހުޅުމާލޭގައި ހުންނަ ސެންޓަރ ފޯ ހަޔަރ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ތައުލީމު ހާސިލުކުރި ތިން ދަރިވަރަކަށް، އޭލެވެލް އިމްތިހާނުން މަތީ ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބިއްޖެއެވެ.
2024 ވަނަ އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރު މަހު ބޭއްވި އޭލެވެލް އިމްތިހާނުގެ ނަތީޖާއަށް ބަލާއިރު، ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭހެން ފަސް މާއްދާއިން "އޭ ސްޓާ" ހޯދައިގެން މި ޝަރަފުވެރި ސްކޮލާޝިޕް ލިބުނު ދަރިވަރުންނަކީ:
- އައިޝަތު ނަބީހާ އަމީން
- ލީން އަހުމަދު ތޯރިގް
- ޔަޝާ ޝަފީ ޝަފީގު
މި ސްކޮލާޝިޕާ ގުޅޭގޮތުން މިދިޔަ ހޯމަ ދުވަހު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކުރިން ނިންމާފައި އޮތީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ކިޔެވޭނީ ހަމައެކަނި ވަކި ދާއިރާތަކަކުން ކަމަށެވެ. ނަމަވެސް، ފަހުން އެ ނިންމުން ބަދަލުކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ މި ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ކިޔެވުމުގެ ފުރުސަތު ދޭގޮތަށް އުސޫލު އިސްލާހުކޮށްފައެވެ.
ސީއެޗްއެސްއީން މިއަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ރައީސްގެ ސްކޮލާޝިޕް ހާސިލުކުރި ތިން ދަރިވަރުންގެ އިތުރުން، އިތުރު 25 ދަރިވަރަކު ވަނީ ހައި އެޗީވާސް ސްކޮލާޝިޕް ހާސިލުކޮށްފައެވެ. އަދި އެ ސްކޫލުން އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ޖުމްލަ 97 ދަރިވަރުން ވަނީ ގައުމީ ގަދަ 10 އެއްގައި ހިމެނި، ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.


