Tuesday, 28 July 2026

ފެކްޓް ޗެކް: ކުޅިވަރުގެ އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓާނެ – ރާފިއު

ކުރީ ސަރުކާރުން ފެށި ކުޅިވަރާބެހޭ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރާފިއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވަނީ، ކުރީގެ ސަރުކާރުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ފަށާފައިވާ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށްގެންދާނެތޯ ސުވާލު ކުރައްވާފައެވެ. އަދި ކުޅިވަރުގެ ދާއިރާއިން ކުރީ ސަރުކާރުން ބަޖެޓްކޮށް ނުފެށި ހުރި މަސައްކައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެތޯ ސުވާލު ކޮށްފައެވެ.

މެންބަރު ޔާސިރު މި ސުވާލުކޮށްފައި މިވަނީ ކުރީ ސަރުކާރުން ފަށާފައި ހުރި ޕްރޮޖެކްޓްތައް މި ސަރުކާރުން ހުއްޓުވާފައިވާކަމަށް ބުނަމުން ދަނިކޮށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ މިދިޔަ ސަރުކާރުން ކުޅީވަރު ކުރިއެރުވުމަށް އަދި ކުޅިވަރާ ބެހޭ ގޮތުން ފަށާފައިވާ އެެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުވާނެ ކަމަށެވެ. ރާފިއު ވިދާޅުވީ ބައެއް ޕްރޮޖެކްޓްތައް ހުރީ ނިމެން ވަރަށް ކައިރިވެފައި ކަމަށާއި އަދި ބައެއް ޕްރޮޖެކްޓްތައް ފެށިފައި ހުރި ކަމަށެވެ. އެހެންކަމުން އެ ފަށާފައިހުރި ޕްރޮޖެކްޓްތައް ކުރިއަށް ގެންދަވާނެ ކަމަށް ރާފިއު ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ ކުރީ ސަރުކާރުގެ ޔޫތް މިނިސްޓްރީން ކުރިއަށް ގެންދިޔަ ބައެއް ޕްރޮޖެކްޓްތައް މި ސަރުކާރުގެ ސްޕޯޓްސް މިނިސްޓްރީގެ ދަށުން އުނިވެފައިވާ ކަމަށާއި، އެހެން އެކަންވީ ޔޫތް މިނިސްޓްރީގެ ގޮތުގައި ވަކި މިނިސްޓްރީއެއް މި ސަރުކާރުގައި އުފެދިފައި އޮތުމުން ކަމަށެވެ. އަދި ސްޕޯޓްސް މިނިސްޓްރީން ކުޅިވަރާ ގުޅޭ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ ޕްރޮޖެކްޓްތައް ހުއްޓާނުލާ ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެކުރިން ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *