Tuesday, 28 July 2026

ފެކްޓް ޗެކް: ގިނައީ ތުރުކީން ހިލޭ ހަދިޔާކުރި އާލަތްތައް – ރައީސް

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ބޭނުންކުރަން ފެށި ގިނަ އާލަތްތަކަކީ ތުރުކީން ހިލޭ ހަދިޔާކުރި ތަކެތި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބަލަހައްޓަން ތުރުކީން އަސްކަރީ ޑްރޯންތައް ގަންނަނީ މާ އަގުބޮޑުކޮށް ކަމަށާއި މިދިޔަ ސަރުކާރުގައި އަސްކަރީ ޑްރޯންތަކެއް ރާއްޖެ އަށް ހިލޭ ދޭން ގައުމަކާ އެކު މަޝްވަރާތައް ކުރެވުނު ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފައި ވަނިކޮށެވެ.

އެމްޑީޕީން އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގެ ތަރުޖަމާނު އަހުމަދު އީސާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އަސްކަރީ ޑްރޯން ގެނައުމަށް ގިނަ މަސައްކަތްތަކެއްކޮށް، ޕައިލެޓް ޕްރޮޖެކްޓެއް ވެސް ހިންގި ކަމަށެވެ. އޭނާ ވިދާޅުވީ ނިމިގެން ދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރަހުމަތްތެރި ގައުމަކުން ރާއްޖެ އަށް ހިލޭ ޑްރޯންތަކެއް ދިނުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް، ސަރުކާރު ބަދަލުވީ އެ މަޝްވަރާތައް ދެ ގައުމުގެ އިސްވެރިން ކުރަމުންދަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އީސަ ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، "ތެޅެމުން ފޮޅެމުން" ތުރުކީ އަށް ވަޑައިގެން ކުއްލި އަކަށް އަސްކަރީ ޑްރޯންތަކެއް ގަންނަން އުޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

"ބައިރަކްތާރު ޓީބީ2″ ގެ ތިން ޑްރޯނާ އެކު ސިފައިންގެ އެއާ ފޯސް އިފްތިތާހުކުރަން ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު މަގާމުގެ ހުވާކުރެއްވިތާ ދެ ހަފުތާ ވެސް ނުވަނީސް އެ ގައުމަށް ވަޑައިގަތުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު ދެއްވި ދައުވަތަކީ މި ޑްރޯންތައް ހަގީގަތަކަށް ވުމުގެ އަސްލު ކަމަށެވެ.

"މި ތަނުން ތިން ޔޫއޭވީ [އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލްސް ނުވަތަ ޑްރޯންސް] ފެނުނަސް އިރާދަކުރެއްވިއްޔާ އެ އަށް ވުރެ މާ ގިނަ ވާނެ އެ މަނިކުފާނާއި [ތުރުކީގެ ރައީސް] އަޅުގަނޑުމެންނާ ދޭތެރޭގައި މި އޮތް ގާތްކަމުގެ ތެރެއިން އަޅުގަނޑުމެންގެ އަސްކަރިއްޔާގެ ބާރުވެރިކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަދި މީގެ ގިނަ އާލާތްތަކަކީ މި ގާތްކަމުގެ ތެރެއިން ދިވެހި ގައުމަށް ހިލޭ ހަދިޔާ ކުރައްވާފައިވާ ތަކެތި ކަން ވެސް އަޅުގަނޑު ފަހުރުވެރިކަމާ އެކުގައި ފާހަގަކުރަން."

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *