ޕީއެސްއެމް އިން ރޯދަ މަހު ގެނެސްދެމުން އަންނަ، "އިހުސާސް" ޕްރޮގްރާމު ހުއްޓާލުމަށް ނިންމާފައިވާ ނުވާ ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު، ޒީނާ ޒާހިރު ވިދާޅުވެއްޖެ އެވެ.
"އިހުސާސް" ޕްރޮގްރާމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ނިކަމެތިކޮށް، ސުވާލުކުރި ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި ފާޑުކިޔަމުންނެވެ.
މި ޕްރޮގްރާމަށް އާންމުންގެ ފާޑުކިޔުން އަމާޒުވީ އެ ޕްރޮގްރާމް ހުށަހަޅައިދޭ މި ސަރުކާރުގެ ޖެންޑާ މިނިސްޓްރީގެ ނައިބު މަރިޔަމް ނަމްޒާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ އާއިލާއާ ކުރި ސުވާލުތަކެއްގެ ސަބަބުންނެވެ. އެގޮތުން ނަމްޒާގެ ބަސްމަގު ހުރީ އެ އާއިލާގެ ހިތުގައި ޖެހޭ ފަދަ ގޮތަކަށް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

އަދި ޝޯގެ ތެރެއިން ނަމްޒާ ސުވާލުކުރީ ކުއްޖާ އިތުރަށް ނިކަމެތިކޮށް، އާއިލާ ރޮއްވަލާއި، އާންމުންގެ ސަމާލުކަން ހޯދުމަށް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. ބައެއް މީހުން ދަނީ ޝޯގެ ބޭނުމާ ގުޅޭ ގޮތުން ވެސް ސުވާލު އުފައްދަމުންނެވެ.
މީގެއިތުރުން ރަޖިސްޓްރީ ނުކޮށް ހިންގާ "ދިޔަވަރު" ނޫހުގައި ވަނީ “އިހުސާސް“ ޕްރޮގްރާމްއާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ހެދި އެ ޕްރޮގްރާމް ދެން އިތުރަށް ކުރިޔަށް ނުގެންދިއުމަށް ޕީއެސްއެމްއިން ނިންމާފައިވާކަމަށް ބުނެ ހަބަރެއް ޕަބްލިޝް ކޮށްފައެވެ.
މިކަމާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ ފާޑުކިޔުން އަމާޒުވި ނަމަވެސް އެ ޕްރޮގްރާމް ހުއްޓާލަން ނުނިންމާ ކަމަށާއި މިކަމުގައި ހުރި ކަންބޮޑުވުންތައް އެ ޕްރޮގްރާމް ހުށަހަޅައިދޭ ފަރާތާއި ހިއްސާކޮށްފައިވާ ކަމަށެވެ. މި ޕްރޮގްރާމް ދެން އޮންއެއާ ކުރާނީ ޕީއެސްއެމްގެ ކޮންޓެންޓް ކޮމިޓީއިން ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަމަށްވެސް ޒީނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ފާޑުކިޔާ މީހުން ބުނެފައި ވަނީ ނުކުޅެދޭ މީހުންނަކީ ކިހާ ބޮޑަށް ނުކުޅެދޭ ބައެއްކަން އެމީހުންނަށް ބުނެދީ، އެމީހުންގެ ބަދުނަސީބު ކިޔައިދޭން އިތުރު މީހަކު ބޭނުންނުވާ ކަމަށެވެ.


