މި ސަރުކާރުން ކީރިތި ޤުރުއާނާއި މިސްކިތްތަކުގެ އަޑު ކަނޑުވާ ނުލައްވާނެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ "މި ސަރުކާރުން މިސްކިތްތަކުގެ އަޑު ކަނޑުވާލައިފި ކަމަށާއި ރަށުތެރެއިން ޤުރުއާނުގެ އަޑުވެސް ކަނޑުވާލައިފި" ކަމަށް ކުރީގެ ކޮމިއުކޭޝަންސް މިނިސްޓަރް މަލީހު ޖަމާލް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
ޕީއެންއެފް އުފެއްދުމަށް ރައީސް ޔާމީން އާއެކު މިހާރު ހުންނެވި މަލީހު ކުރެެއްވި ޕޯސްޓުގައި ވަނީ މިއީ ނުބައި ފާލެއް ކަމަށް ބުނެ، ޑރ.ޝަހީމްގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ. އަދި ރައީސް މުއިއްޒަށް އެކަންތައްތައް ފަހުމް ނުވާނަމަ ރައްޔިތުން މުޒާހަރާ ކުރާކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން މަލީހް ވަނީ މިސްކިތްތަކުން ގުރުއާނުގެ އަޑު ކަނޑާލުމަކީީ ޕީޕީއެމްގެ ސިޔާސަތު ނޫންކަމަށާއި، އަދި ނަމާދާ ދީނާ ދުރުވާ ގޮތަށް ކަންކަން ބައްޓަންކުރުމަކީ ވެސް އެ ޕާޓީގެ ސިޔާސަތު ނޫންކަމަށް ވިދާޅުވެފައެވެ.
މިކަމަށް ރައްދުދެއްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ މަލީހުގެ މުޅި އުމުރު ހޭދަކުރަމުން ދަނީ މީހުންނާއި ފޮށުމާއި ދޮގު ފެތުރުމުގައި ކަމަށެވެ. އެހެންކަމުން އެކަންތައްތައް ހުއްޓާލާ ﷲއަށް ބިރުވެތިވުމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. ޝަހީމް ވަނީ މިސްކިތްތަކުން ޤުރުއާންގެ އަޑު ކަނޑުވާލީ ކާކުކަމާމެދު ސުވާލު އުފައްދަވާފައެވެ. ޝަހީމް ވިދާޅުވީ މިއަހަރު ރާއްޖޭގެ އެންމެ ބޮޑު 2 މިސްކިތުގައި އިމާމުކަން ކުރަނީ ދިވެހި ޒުވާން ދެ ހާފިޒުން ކަމަށެވެ.


