ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި "ގެދޮރުވެރިޔާ" ސްކީމް އަދި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ދިނުމުގައިފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ލިސްޓެއް މި ސަރުކާރުން ގެންގުޅެމުން އަންނަ ކަމަށް ދެކެވޭ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.
އެ މަނިފާނު އެ ޔަގީންކަން ދެއްވީ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބޭނުންވާ ލިސްޓަކަށް ފްލެޓްތައް ބަހާލުމަށް އުޅޭ ކަމުގެ އަޑުތައް ފެތުރޭ ކަމާއި އޭގެ ހަގީގަތް އޮޅުން ފިލުވަން "ރައީސްގެ ޖަވާބު" ޕްލެޓްފޯމުގައި އާންމު މީހަކު ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމުގެ ފްލެޓެއް ވިޔަސް، އެހެން ކަހަލަ ހައްގަކަށް ވިޔަސް، މި ސަރުކާރުން ރައްޔިތުންގެ އެއްވެސް ހައްގަކަށް އަރައިނުގަންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ރައްޔިތުންގެ އެއްވެސް ކަހަލަ ހައްގަކުން މަހްރޫމް ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނަން. އެއީ ގެދޮވެރިކަމުގެ ފްލެޓެއް ވިޔަސް އަދި އެހެން ކަހަލަ ހައްގެއް ކަމަށް ވިޔަސް އެ ހައްގަކުން މަހުރޫމް ކުރަން އެއްވެސް ކަމެއް ނުކުރާނެ. އެފަދަ ކަމެއް ކުރުމަށް އަޅުގަނޑު ޖާގައެއް ވެސް ނުދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެއީ ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދަން ބަޔަކު ކުރާ މަސައްކަތުގެ ތެރެއިން އުފެދިފައި އޮތް ސުވާލެއް ކަމަށެވެ. އެހެންވެ، ދެއްވަން ބޭނުންފުޅުވާ ޔަގީން ކަމަކީ، ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނު ވިޔަސް، އަނބިކަނބަލުން ސާޖިދާ ވިޔަސް، ރައްޓެއްސެއް ވިޔަސް، ސަރުކާރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ވިޔަސް ނުފޫޒު ފޯރުވައިގެން މި ސަރުކާރުގައި ރައްޔިތުންގެ އެއްވެސް ހައްގަކަށް އަރައިނުގަނެވޭނެ ކަމެވެ.
ރައީސް ވިދާޅުވީ ފްލެޓު ނުވަތަ ގޯތި ލިސްޓް ކަމުގައި ވިޔަސް، އަދި އެހެން ޕްރޮގްރާމެއްގެ ތެރެއިން ހަމަޖެހޭ ކަމެއް ކަމުގައި ވިޔަސް، އެކަން ކުރިއަށް ދާނީ އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކީގައި ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފަ އެވެ.


