Tuesday, 28 July 2026
ދުނިޔޭގައި ހެދޭ ދެވަނައަށް އެންމެ ދިގު ބްރޭކްވޯޓާ ޕްރޮޖެކްޓާއި އިންޑިއާގެ މަޝްހޫރު އިންފްރާންސްޓްރަކްޗަރ ގްރޫޕް އެފްކޮންސްއިން ހަވާލުވަނީ -- ފޮޓޯ: އެފްކޮންސް

ދުނިޔޭގެ ދެވަނައަށް އެންމެ ދިގު ބްރޭކްވޯޓާ މަޝްރޫއު ރާއްޖޭގައި ބްރިޖު ހަދަމުންދާ އެފްކޮންސް ކުންފުންޏަށް

އިންޑިއާގެ މަހާރާޝްތްރާގައި އަލަށް ތަރައްގީކުރާ ވަދްވާން ޕޯޓުގެ 10.14 ކިލޯމީޓަރުގެ ދިގު ބްރޭކްވޯޓާ (ތޮށިގަނޑު) ތަރައްގީކުރުމުގެ މަޝްރޫއު ރާއްޖޭގައި ތިލަމާލެ ބްރިޖު ހަދަމުންދާ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑަށް ލިބިއްޖެއެވެ. ވަދްވާން ޕޯޓް ޕްރޮޖެކްޓް ލިމިޓެޑް (ވީޕީޕީއެލް) އިން މި މަޝްރޫއު އެފްކޮންސްއާ ހަވާލުކޮށްފައިވަނީ 5،301 ކްރޯޑް ރުޕީސް އަށެވެ.

މި މަޝްރޫއު ނިމުމުން، މިއީ ދުނިޔޭގައި ހެދޭ ދެވަނައަށް އެންމެ ދިގު ބްރޭކްވޯޓާއަށް ވެގެންދާނެއެވެ. މިކަމާ ގުޅޭގޮތުން އެފްކޮންސްގެ އެގްޒެކެޓިވް ޗެއާމަން ކްރިޝްނަމުރްތީ ސުބްރަމާނިއަން ވިދާޅުވީ، މި އެވޯޑަކީ ކަނޑުގެ އިންފްރާސްޓްރަކްޗާގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގައި އެފްކޮންސްގެ ހުރި ގާބިލުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ މެރިޓައިމް ހަބަކަށް ވުމަށް އިންޑިއާއިން ކުރާ އުންމީދުތަކަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެފްކޮންސްގެ މެނޭޖިން ޑިރެކްޓަރު އެސް. ޕަރަމަސިވަން ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ މިފަދަ ބޮޑު މަޝްރޫއެއް ކާމިޔާބުވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން އިންޑިއާގެ ބޮޑުވަޒީރުގެ 'ވިކްސިތު ބާރަތު' ތަސައްވުރު ވަރުގަދަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި މަޝްރޫއުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި އިންޑިއާގެ އިންފްރާސްޓްރަކްޗާ ގާބިލުކަން އިތުރަށް ހާމަވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ވަދްވާން ޕޯޓްގެ މާސްޓަރ ޕްލޭން — ފޮޓޯ: އެފްކޮންސް

އެފްކޮންސްއަކީ މީގެ ކުރިންވެސް އިންޑިއާ އާއި ބައިނަލްއަގުވާމީ ފެންވަރުގައި ކަނޑުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ކުންފުންޏެކެވެ. އޭގެ ތެރޭގައި އޯމާންގެ ޕޯޓް އޮފް ސޮހާރުގެ ބަލްކް ޖެޓީ އާއި، ގަބޯންގެ ނިއު އޮވެންޑޯ އިންޓަނޭޝަނަލް ޕޯޓް އަދި ކުވެއިތުގެ ސަލްފާ ޖެޓީ ހިމެނެއެވެ. އެމެރިކާގެ އިންޖިނިއަރިން ނިއުސް ރެކޯޑް (އީއެންއާރު) އިން ވަނީ އެފްކޮންސްއަކީ ދުނިޔޭގެ 8 ވަނައަށް އެންމެ ބޮޑު މެރިން އެންޑް ޕޯޓް ފެސިލިޓީޒް ކޮންޓްރެކްޓަރުގެ ގޮތުގައި ކަނޑައަޅާފައެވެ.

ވަދްވާން ޕޯޓަކީ އިންޑިއާގެ އެންމެ ބޮޑު ޕަބްލިކް ޕޯޓުގެ ގޮތުގައި ތަރައްގީކުރާ ބަނދަރެކެވެ. މި ބަނދަރު ނިމުމުން އަހަރަކު 23.2 މިލިއަން ޓީއީޔޫގެ މުދާ ހޭންޑްލް ކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. މިއީ ޝަޕޫރްޖީ ޕައްލޮންޖީ ގްރޫޕުގެ ދަށުން ހިންގާ އެފްކޮންސް އިން 31 ގައުމެއްގައި މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *