Friday, 16 October 2026

އިންޑިއާ އާއި ނޭޕާލަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 60 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑިއާ އާއި ނޭޕާލުގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އިންޑިއާގެ އުއްތަރު ޕްރަދޭޝްއިން މަދުވެގެން 56 މީހުން އަދި ނޭޕާލުން 12 މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްއަށް ސެޕްޓެމްބަރު 25 އިން 27 އަށް 66.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވާއިރު، މިއީ މި ދުވަސްވަރާ އަޅާބަލާއިރު އާދަޔާ ޚިލާފަށް އިތުރު އަދަދެކެވެ. މި ވިއްސާރައިގެ ސަބަބުން 1،000 އަށް ވުރެ ގިނަ ގެދޮރަށް ގެއްލުން ލިބި، 46 މީހަކު ޒަޚަމްވެފައިވެއެވެ.

މީގެއިތުރުން އޮޑިޝާ ސްޓޭޓުގައި ކޯރުތަކުގެ ފެންގަނޑު އާދަޔާ ޚިލާފަށް އުފުލުމާ ގުޅިގެން، އަޑި ސަރަޙައްދުތަކުގައި ދިރިއުޅޭ 70،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި ބައެއް ފާލަންތަކަށާއި މަގުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ނޭޕާލަށް ވެސް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. ކޯރުތަކުގެ ފެންމިންގަނޑު މައްޗަށް ދާތީ އެ ޤައުމުގެ 77 ޑިސްޓްރިކްޓްގެ ތެރެއިން 49 ޑިސްޓްރިކްޓެއްގައި ކުއްލި ފެންބޮޑުވުމެއް އަތުވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

މި ހާދިސާތަކުގެ ސަބަބުން އެތައް ޑިސްޓްރިކްޓަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު، ރަހުގަންގާ ކޯރުގައި ހިންގާ 40 މެގަވޮޓްގެ ހައިޑްރޯޕަވަރ މަޝްރޫޢުގެ ބަޔަކަށް ވެސް ވަނީ ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ވެފައެވެ. މި ފަހަރުގެ ފެންބޮޑުވުން ކުރިމަތިވެފައި މިވަނީ، 1،400 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ގެއްލުނު ބޮޑު ކާރިސާއަކަށް ފަހު މަދު ހަފްތާތަކެއްގެ ތެރޭގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *