ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން ގާލާ ހަފްލާ 2026 ގައި ދިވެހިރާއްޖެއިން 5 އެވޯޑެއް ކާމިޔާބުކޮށްފިއެވެ.
މި ހަފްލާގައި ރާއްޖެއިން ވަނީ އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން 2026 ގެ ލަގަބު ހޯދާފައެވެ. މީގެއިތުރުން، އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ ޑައިވިންގ، ގްރީން އަދި ހަނީމޫން ޑެސްޓިނޭޝަންގެ އެވޯޑުވެސް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ މައި އިދާރާ، ވިޒިޓް މޯލްޑިވްސް ވަނީ އިންޑިއަން އޯޝަންސް ލީޑިންގ ޓޫރިސްޓް ބޯޑު 2026 ގެ އެވޯޑު ހާސިލުކޮށްފައެވެ. އަދި ރިސޯޓުތަކާއި، މެހެމާންދާރީ، ވައިގެ ދަތުރުފަތުރު، ޑައިވިންގ އަދި ފަތުރުވެރިކަމުގެ ތަޖުރިބާތައް ހިމެނޭހެން އެކި ދާއިރާތަކުން ރާއްޖޭގެ 15 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ ބްރޭންޑުތަކަށް މި ހަފްލާގައި އެވޯޑު ލިބިފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވަނީ، 1972 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ދެ ރިސޯޓާއެކު ފެށުނު ފަތުރުވެރިކަމުގެ ސިނާއަތް މިހާރު ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ތައުރީފުކުރެއްވިއެވެ.
40 އަށްވުރެ ގިނަ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަންދޫބުން ބައިވެރިވި މި ރަސްމިއްޔާތުގައި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބާނީ އަދި ރައީސް ގްރަހަމް ކުކް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.


