ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމުތައް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭން އަދާކުރަން ޖެހޭ ދަރަނިތަކަށް ޑޮަލަރުން ދައްކަން ޖެހި، ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމުގެ ސަބަބުން ބޭރުގެ މުއާމަލާތްތައް ކުރުމުގައި ދަތިތަކެއް ދިމާވެފައިވަނިކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް ލިބިގެންދާނެ ކަން ރައީސް އިއުލާންކުރެއްވީ މިރޭ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ފުރުސަތު ހަމަޖެހިގެންދާނީ މި އަންނަ މަހުން ފެށިގެނެވެ.
ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު، އެ ޑޮލަރުން ބޭނުންވާ ޕޭމަންޓަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސައިދޭނެ ކަން ރައީސް އިއުލާންކުރެއްވިއެވެ.
"އަދި ޑޮލަރުން ލިބޭ މި ފައިސާ އެއްވެސް ދަތި ކަމެއް ނެތި ކާޑު ބޭނުންކޮށްގެން ނާއި ރެމިޓެންސްގެ ޒަރީއާއިން ރާއްޖޭން ބޭރުން މުދަލާއި ހިދުމަތް ހޯދުމަށް ބޭނުންކުރެވޭނެ ގޮތް ހަމަޖެހިގެން ދާނެ. މި ވިޔަފާރިތަކުން ބޭނުންކުރާ ސަސްކްރިޕްޝަންތައް ފަދަ ޕޭމަންޓްތައް ދެއްކޭނެ އިންތިޒާމުތައް ވެސް ހަމަޖެހިގެންދާނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ


