ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95،000 ރުފިޔާއަށް އަދި ކެބިނެޓް ވަޒީރުންގެ މުސާރަ 75،000 ރުފިޔާއަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން މަޖިލީހުގެ ތަޅުމުން ފާސްނުކުރުމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން މިއަދު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 12 މެންބަރުންގެ ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށްވެފައިވާ ދަނޑިވަޅެއްގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި އެ ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.
އެ ނިންމުމަކީ އެމްޑީޕީގެ މެމްބަރުންގެ އެއްވެސް ބައިވެރިވުމެއް ނެތް ނިންމުމެއް ކަމަށާއި މާލިއްޔަތު ކޮމިޓީގެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެ ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކަށް 40 މިލިއަން ރުފިޔާ އިތުރުވެގެންދާނެކަން ފާހަގަކޮށް އެމްޑީޕީން ބުނީ އެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލާ ކަމަށެވެ. ނޫނީ ތަޅުމުން ފާސްކުރާއިރު ކޮމިޓީން ނިންމި ގޮތަށް ނުނިންމުމަށް ގޮވާލާ ކަމަށް އެމްޑީޕީން ބުންޏެވެ.
"ވަޒީރުންނާއި މަޖިލިސް ރައީސްގެ އިނާޔަތްތައް އިތުރުކުރުމަށް ވުރެ މުހިންމު ކަންކަން ރާއްޖޭގެ ރައްޔިތުންނަށް މިވަގުތަށް އޮތުމުން އެކަންކަމަށް އިސްކަން ދިނުމަށް ސަރުކާރަށް ގޮވާލަމެވެ. މީގެ އިތުރުން، ސަރުކާރުގެ ހަރަދު ކުޑަކުރުމަށާއި ރައްޔިތުންނަށް ލިބެމުންދާ ތަކުލީފުތައް ކުޑަކުރުމަށް އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރުމަށް ސަރުކާރަށާއި މަޖިލިސް މެމްބަރުންނަށް ގޮވާލަމެވެ،" ބަޔާނުގައިވެއެވެ.
ކޮމިޓީގެ އަގުލަބިއްޔަތުން ފާސްކުރީ މަޖިލީހުގެ ރައީސްއަށް 22,000 ރުފިޔާގެ އިތުރު އެލަވަންސެއް ހަމަޖެއްސުމަށެވެ. އޭރުން އެ މަގާމުގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 95,125 ރުފިޔާ މަހަކު ލިބޭނެއެވެ. މިހާރު ލިބެނީ 73،125 ރުފިޔާއެވެ. މި ބަދަލު ގެނައި ސަބަބަކީ މަޖިލީހުގެ ރައީސަށް ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިނުގަނެވޭތީވެ، މަޖިލީހުގެ އެހެން މެންބަރުންނަށް ލިބިވަޑައިގަންނަވާ 20،000 ރުފިޔާގެ ކޮމިޓީ އެލަވަންސް އުނިކުރުމުން އެހެން މެންބަރުންގެ ޖުމުލައަށްވުރެ ދަށްވާތީއެވެ. އެހެން މެންބަރުންނަށް މަަހަކު 82،250 ރުފިޔާ ލިބެއެވެ.
ކޮމިޓީން ދެން ނިންމީ ވަޒީރުންގެ ކާރު އެލަވަންސް 17,000ރ. އަށް ބޮޑު ކުރުމަށެވެ. އޭރުން ވަޒީރެއްގެ މުސާރަ އާއި އެލަވަންސަށް މަހަކު 75,500 ރުފިޔާ ލިބޭނެ އެވެ. މިހާރު ލިބެނީ 58،500 ރުފިޔާއެވެ. މި ބަދަލު ގެނައި ސަބަބަކީ ވަޒީރުންގެ މުސާރަ ބޮޑުނުކުރެވޭތާ އަހަރުތަކެއް ވުމުންނާއި ބައެއް މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ ވެސް ވަޒީރުންގެ މުސާރައަށް ބޮޑުވާކަމަށް ގަބޫލުކުރޭ ކަމަށެވެ.


