ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގް އެޖެންސީ ފިޗުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 'ސްޓޭބަލް އައުޓްލުކް' އާއެކު 'ސީސީސީ-' ގެ ރޭޓިންގް ދީފިއެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ މާލީ ހާލަތާއި ކުރިމަގާ މެދު އޮތް އިތުބާރު ހާމަކޮށްދޭ ނިންމުމެކެވެ.
މީގެ އިތުރުން ބޭންކުގެ ލޯކަލް ކަރަންސީ ރޭޓިންގްގެ ގޮތުގައި ފިޗުން ވަނީ ’ސީސީސީ+' ކަނޑައަޅާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ ދިވެހި ދައުލަތުގެ ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތީ މިންވަރެކެވެ.
ފިޗުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ހުރީ ވަރުގަދަކޮށެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި ރޭޓިންގް ދީފައިވަނީ މިިދިޔަ އޭޕްރީލްގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދައުލަތުން ކާމިޔާބުކަމާއެކު އަދާކުރުމާ ގުޅިގެން، ރާއްޖޭގެ ސޮވްރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. އަދި އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންނަ އިސްލާހުތަކާއި ފޮރިން ކަރަންސީއާ ބެހޭ ގާނޫނު ތަންފީޒުކުރުމަކީ ވެސް ރާއްޖޭގެ ރޭޓިންގް މަތިވުމަށް ބާރުއެޅި ކަންކަން ކަމުގައި ފިޗުން ފާހަގަކޮށްފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މި ރޭޓިންގްއިން ރަމްޒުކޮށްދެނީ ބޭންކުގެ މާލީ ހަރުދަނާކަމާއި، ކުދި ޖަޒީރާ ޤައުމެއްގެ އިގުތިޞާދަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން ހުރި މިންވަރުކަމަށެވެ.


