މުސާރައާއި ޚިދުމަތްތަކަށް ކުރާ ހޭދަ ހިމެނޭހެން، ރާއްޖޭގެ އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް 2030 ވަނަ އަހަރާ ހަމައަށް އަންނައިރު ދިވެހި ރުފިޔާއިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ އަމާޒެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާ މައްސަލައާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ދިވެހި ރުފިޔާގެ އަގު ވަރުގަދަކުރުމަށްޓަކައި އެތެރޭގެ މުއާމަލާތްތަކުގައި ޑޮލަރު ބޭނުންކުރުން ހުއްޓާލުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އޮތް މި ނިޒާމު އެއްދުވަހުން ބަދަލުނުކުރެވޭނެ ކަމަށާއި، މި ބަދަލު ގެންނަން ޖެހޭނީ އެކި ދާއިރާތަކަށް މަޑުމަޑުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާ މުހިންމު ދައުރެއްގައި
ފަތުރުވެރިކަމުގެ ދާއިރާގައި ކުރެވޭ އެތެރޭގެ މުއާމަލާތްތައް ވެސް ރުފިޔާއިން ކުރެވޭނެ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށާއި، އެކަމަށްޓަކައި ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތަކާއި ފީތައް ދައުލަތަށް ދައްކާ އުސޫލަށް ބަދަލު ގެންނަންޖެހޭނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ. އެގޮތުން މިހާރު ޑޮލަރުން ދައްކަމުން އަންނަ ޓެކުހާއި ފީތައް ވެސް ދައްކަން ޖެހޭނީ ރުފިޔާއިން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ޑޮލަރުން މުސާރަ ދިނުމުގެ ސިޔާސަތަށް ބަދަލު ގެންނަންޖެހޭ ކަމަށާއި، ބޭރު ފައިސާއަށް އޮންނަ ބަރޯސާވުން ކުޑަނުކޮށް ރުފިޔާގެ ބޭނުންތެރިކަމާއި ޑިމާންޑް އިތުރުކުރުމަކީ ދަތިކަމެއް ކަމުގައި ގަވަރުނަރު ފާހަގަކުރެއްވިއެވެ.
މުއާމަލާތްތަކުގެ 40 އިންސައްތައަށް ވުރެ ބޮޑު ބައެއް ބޭރު ފައިސާއިން
ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ މަނީ ސަޕްލައިގެ ބޮޑު ބައެއް ހިއްސާކުރަނީ ބޭރު ފައިސާ ކަމަށާއި، އެތެރޭގެ މުއާމަލާތްތަކުގެ 40 އިންސައްތައަށް ވުރެ ބޮޑު ބައެއް ހިނގަނީ ބޭރު ފައިސާއިން ކަމަށެވެ. އެހެންކަމުން އިގުތިސާދު ހަމަހަމަ މިސްރާބަކަށް ގެންދިއުމަށްޓަކައި މެކްރޯ އިކޮނޮމިކް އަދި ފިސްކަލް ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އެމްއެމްއޭގެ ދުރު ރާސްތާގެ ތަސައްވުރަކީ އެތެރޭގެ އިގުތިސާދުގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު މަދުކޮށް، ބައިނަލްއަގުވާމީ މުއާމަލާތްތަކަށާއި އިމްޕޯޓަށް ބޭނުންވާ ބޭރު ފައިސާ އެކަށީގެންވާ މިންވަރަކަށް ބެހެއްޓުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
’މެނޭޖްޑް ފްލޯޓް' ނިޒާމު ދުރު ރާސްތާގެ ހައްލަކަށް
އެކްސްޗޭންޖް ރޭޓާ ގުޅޭގޮތުން ގަވަރުނަރު ވިދާޅުވީ، ރާއްޖެއަށް އެންމެ އެކަށޭނަ ނިޒާމަކީ ’މެނޭޖްޑް ފްލޯޓިންގ އެކްސްޗޭންޖް ރޭޓް' ނިޒާމު ކަމަށެވެ. މި ނިޒާމުގެ ދަށުން ޑޮލަރުގެ އަގު ކަނޑައެޅޭނީ ބާޒާރުގެ ހާލަތަށް ބަލައިގެން ކަމަށާއި، ނަމަވެސް އެކްސްޗޭންޖް ރޭޓް މެނޭޖްކުރާނީ މަރުކަޒީ ބޭންކުން ކަމަށް ވިދާޅުވިއެވެ.
އެފަދަ ނިޒާމަކަށް ދިއުމުގެ ކުރިން މަދުވެގެން ތިނެއް ނުވަތަ ހަތަރު މަސްދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ބޭރު ފައިސާގެ ރިޒާވެއް އެމްއެމްއޭގައި ހުންނަން ޖެހޭނެ ކަމަށާއި، މިހާރު ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ދަށުން ކުރިއަށް އޮތް 2-3 އަހަރު ތެރޭގައި އެ މިންވަރަށް ރިޒާވް ބިނާކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.


