’އަދާ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަވޭޝަން މެޝާ' (އޯއީސީއެމް) އެއްގެ ގޮތުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ރަސްމީކޮށް ބަލައިގަތް ރާއްޖޭގެ ފުރަތަމަ ރިސޯޓަށް ސޮނެވާ ޖާނީ ވެއްޖެއެވެ.
މި ބަލައިގަތުމުގެ ދަށުން މެދުފަރުގެ އިރުމަތީ ފަރާތުން 0.41 އަކަކިލޯމީޓަރުގެ ސަރަހައްދެއް ހިމެނޭއިރު، އޭގެ ތެރޭގައި ފަރުތަކާއި، ގޮނޑުދޮށްތަކާއި، ކަނޑޫފަލާއި ޗަސްބިން ފަދަ މުހިންމު ވެށިތައް ހިމެނެއެވެ.
މި ދަރަޖަ އެ ރިސޯޓަށް ލިބިފައިވަނީ ވެއިޓް ފައުންޑޭޝަންގެ އެހީތެރިކަމާއެކު ސޮނެވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް އިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާވޭތަކާއި، މޮނިޓަރިން އަދި މެޕިންގެ މަސައްކަތްތަކަށް ފަހުގައެވެ.
މި ސަރަހައްދަކީ ނެތިދިއުމުގެ ބިރު ހީވެފައިވާ ކަނޑުއަޑީގެ ދިރުންތަކާއި، ދޫނިސޫފާސޫފީގެ އިތުރުން ގަސްގަހާގެހީގެ މުހިންމު މާހައުލެކެވެ. އަދި ހާއްސަކޮށް، ނެތިދިއުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ވިލާ ވެލާ އާއި ކަހަނބު ބިސްއަޅާ މުހިންމު ސަރަހައްދެކެވެ. މީގެއިތުރުން، އެ ސަރަހައްދުގެ ކަނޑޫފަލާއި ޗަސްބިންތަކަކީ ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަށާއި، ކާބަން ރައްކާކުރުމަށާއި، ފެން ދައުރުވުން ކޮންޓްރޯލްކުރުމަށް މުހިންމު ދައުރެއް އަދާކުރާ ތަންތަނެވެ.
ސޮނެވާގެ ސީއީއޯ ނީލް ގެލަގާ ވިދާޅުވީ، "މި ބަލައިގަތުމަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކޮށްފިނަމަ ތިމާވެށި ހިމާޔަތްކުރުމާއި ފަތުރުވެރިކަމުގެ ޚިދުމަތް އެކުގައި ކުރިއަށް ގެންދެވިދާނެކަން ސާބިތުކޮށްދޭ ކަމެއް" ކަމަށެވެ.
މި އޯއީސީއެމް ސްޓޭޓަސް ފަސް އަހަރު ފަހުން މުރާޖައާ ކުރެވޭއިރު، ހިމާޔަތްކުރުމުގެ މަސައްކަތްތައް ދެމިގެންދާކަން ދެއްކުމަށްޓަކައި އަހަރީ މޮނިޓަރިން ރިޕޯޓު ހުށަހަޅަން ޖެހޭނެއެވެ. މިއީ ކުންމިންގ-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަސިޓީ ފްރޭމްވޯކްގެ ދަށުން 2030 ގެ ނިޔަލަށް ދުނިޔޭގެ ބިމާއި ކަނޑުގެ ސަރަހައްދުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ ’30×30′ އަމާޒަށް ރާއްޖެއިން ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.


