މި އެއްބަސްވުމާއެކު ބްރެންޓް ކްރޫޑްގެ އަގު 13 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު 94.80 ޑޮލަރަށް ވަނީ ތިރިވެފައެވެ. އަދި އެމެރިކާގެ ތެލުގެ އަގު 15 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 95.75 ޑޮލަރަށް ތިރިވެފައެވެ. ނަމަވެސް، ފެބްރުއަރީ 28 ގައި ހަމަނުޖެހުންތައް ފެށުމުގެ ކުރިން ތެޔޮ ފީފާއެއް 70 ޑޮލަރަށް ހުރި އަގަށް ވުރެ އަދިވެސް މިހާރުގެ އަގުތައް ހުރީ މަތީގައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ބުނީ، ދެ ހަފުތާގެ މުއްދަތަށް އީރާނަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވާ ކަމަށެވެ. ނަމަވެސް މިއީ އީރާނުން ސްޓްރެއިޓް އޮފް ހޯރްމުޒް ފުރިހަމައަށް، ވަގުތުން އަދި ރައްކާތެރިކަމާއެކު ހުޅުވާލުމަށް އެއްބަސްވާނަމަ ދޭނެ ފުރުސަތެއް ކަމަށް ޓްރަމްޕް ބުންޏެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ، އީރާނަށް ދޭ ހަމަލާތައް ހުއްޓާލައިފިނަމަ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އީރާނުން އެއްބަސްވާނެ ކަމަށާއި، އެ ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ކަމަށް ބުނެފައެވެ.
މި ޚަބަރާއެކު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ހިއްސާގެ ބާޒާރުތަކަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ޖަޕާނުގެ ނިކޭ 225 އިންޑެކްސް 5 އިންސައްތަ މައްޗަށް ދިޔައިރު، ދެކުނު ކޮރެއާގެ ކޮސްޕީ ވަނީ ގާތްގަނޑަކަށް 6 އިންސައްތަ މައްޗަށް ޖެހިލާފައެވެ. މީގެ އިތުރުން ހޮންކޮންގްގެ ހޭންގް ސެންގް 2.8 އިންސައްތަ އަދި އޮސްޓްރޭލިއާގެ އޭއެސްއެކްސް 200 ވަނީ 2.7 އިންސައްތަ މައްޗަށް ގޮސްފައެވެ.
މާކެޓް ދިރާސާކުރާ ފަރާތެއް ކަމަށްވާ އަލްފާސެންސްގެ ޒޭވިއާ ސުމިތު ބުނިގޮތުގައި، ހަމަނުޖެހުންތައް އިތުރަށް ވަރުގަދަކޮށް ހަކަތައިގެ އަގުތައް އިންތިހާއަށް މައްޗަށް ދިޔުމަކީ ޓްރަމްޕް ބޭނުންވާނެކަމެއް ނޫން ކަމަށެވެ. އެއީ އޭގެ ސަބަބުން އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބި، އޭނާގެ މަގުބޫލުކަމަށް އަސަރުކޮށްފާނެތީ ކަމަށް ސުމިތު ފާހަގަކުރިއެވެ.
ސްޓްރެއިޓް އޮފް ހޯރްމުޒް ސަރަހައްދުގައި ތާށިވެފައި ހުރި ގިނަ އަދަދެއްގެ ތެޔޮ ޓޭންކަރުތަކަށް މި ސުލްހައިގެ މުއްދަތުގައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިންވެސް ޗައިނާ، އިންޑިއާ، މެލޭޝިއާ އަދި ފިލިޕީންސް ފަދަ ގައުމުތަކުން ވަނީ އެ ގައުމުތަކުގެ އުޅަނދުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައެވެ.


