މި ރޯޑްޝޯ ކުރިއަށް ދާނީ މި މަހުގެ 31 އިން އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅަނގު އިންޑިއާގެ މުހިންމު ހަތަރު ސިޓީއެއް ކަމަށްވާ އަހުމަދުއާބާދު، ވަޑޯދަރާ، ސޫރަތު އަދި ޕޫނޭ ގައެވެ. މި ހަރަކާތުގައި ރާއްޖޭގެ 25 ލަގްޒަރީ ރިސޯޓަކުން ބައިވެރިވެ، އެ ތަންތަނުގެ މައުލޫމާތު އިންޑިއާގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށް ހިއްސާކުރާނެއެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ ބްރޭންޑް ވަރުގަދަކޮށް، ރާއްޖޭގެ ރިސޯޓުތަކާއި އިންޑިއާގެ ޓްރެވަލް ޕްރޮފެޝަނަލުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމެވެ. ރޯޑްޝޯގެ ތެރެއިން ވަން-އޮން-ވަން ބައްދަލުވުންތަކާއި، ނެޓްވޯކިންގ ސެޝަންތަކުގެ އިތުރުން ރާއްޖޭގެ ލަގްޒަރީ، ވެލްނެސް އަދި ޑައިވިންގ ފަދަ ތަފާތު ތަޖުރިބާތަކާ ބެހޭ ޕްރެޒެންޓޭޝަންތައް ކުރިއަށްދާނެއެވެ.
ޓާޓާބައި ޓުއާސްއަކީ ރާއްޖޭގެ 130 އަށްވުރެ ގިނަ ރިސޯޓާއެކު ސީދާ އެއްބަސްވުންތައް އޮންނަ، އިންޑިއާގެ މާކެޓުގައި އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ މި އެންޑޯޒްމަންޓަކީ ރާއްޖެއަކީ އެންމެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި އިސްތިހާރުކުރުމަށް އެ ކުންފުންޏަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަށް ވާއިރު، މިފަދަ ރޯޑްޝޯތަކަކީ އެ ގައުމުގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް ގެންގުޅޭ ދިގު މުއްދަތުގެ ސްޓްރެޓެޖީގެ މުހިންމު ބައެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރެއެވެ.


