Tuesday, 28 July 2026
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މިދިޔަ ހަފްތާގައި ތެލުގެ ދެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފި: ސައީދު

މިދިޔަ ހަފްތާގައި ވެސް ތެލުގެ ދެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަޕްލައި ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ދިވެހި ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

ހަނގުރާމައިގެ ސަބަބުން ތެޔޮ ސަޕްލައި ކުރުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް މި ހާލަތުގެ ސަބަބުން ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ދުރާލާ ރޭވުންތެރި އަދި ހަލުވި ފިޔަވަޅުތަކެއް އަޅަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވެ ދެމެހެއްޓުމަށްޓަކައި އެސްޓީއޯ އިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޑިމާންޑަށް ބަލައި ސަޕްލަޔަރުންނާއެކު ވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުން ތެޔޮ ގެނައުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން، އެސްޓީއޯ އާއި ސަޕްލަޔަރުންނާ ދެމެދު އެއްބަސްވެފައިވާ ތާރީޚުތަކާ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް ތެލުގެ އިތުރު ޝިޕްމެންޓްތައް ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވަނީ ތެލާއި ގޭހުގެ އިތުރުން، ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުން ރައްޔިތުންނަށް ކުރާ އަސަރު ވީހާވެސް ކުޑަ ފެންވަރެއްގައި ހިފެހެއްޓުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *