Tuesday, 28 July 2026
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

ހުޅުމާލޭގެ ބޮޑުކަންނެލި ކާރުހާނާ މި އަހަރު ތެރޭގައި ހުޅުވަނީ

ބޮޑުކަންނެލީގެ މަސްވެރިކަމަށް ހާއްސަކޮށް ހުޅުމާލޭގައި ގާއިމުކުރާ ކާރުހާނާ މި އަހަރުގެ ތެރޭގައި ހުޅުވައި، ހިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ސަރުކާރަށް ބޮޑުކަންނެލި ގަތުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި، އެ ވައުދުފުޅާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މިދިޔަ ޑިސެމްބަރު 14 އިން ފެށިގެން މިފްކޯއިން ވަނީ ކަންނެލި ގަންނަން ފަށާފަ އެވެ. އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ކަނޑުއޮތްގިރިއަށް ބޮޑުކަންނެލި ގަންނަން ފަށާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިއީ މަސްވެރިންގެ ޑިމާންޑުތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ބޮޑުކަންނެލި މަސްވެރިން މީގެ ކުރިން ކުރި އިހުތިޖާޖުތަކުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދުގެ އަގަކަށް ހެދުމަށާއި، ހެޔޮ އަގުގައި ތެޔޮ އަދި އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. މިނިސްޓަރު ވިދާޅުވީ މަސްވެރިންގެ މި ޑިމާންޑުތަކަށް އޮތް އެންމެ ދާއިމީ ހައްލަކީ ހުޅުމާލޭގައި ބޮޑުކަންނެލި ޕްރޮސެސްކޮށް ވިއްކޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.

"ހުޅުމާލެއިން ލިބިފައި އޮތް ބިމުގައި ބޮޑުކަންނެލި ޕްރޮސެސް ކުރާނެ ކާރުހާނާއެއް ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން،" މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެ މަޝްރޫއު ފެށި، މި އަހަރުގެ ތެރޭގައި މަސްވެރިންނަށް އެ ތަނުން ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *