އިޒްރޭލާއި އީރާނާ ދެމެދު އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދުވެސް އުފުލިއްޖެއެވެ. މިއީ ޖެހިޖެހިގެން ތެލުގެ އަގު އުފުލުނު ތިންވަނަ ދުވަހެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހުގެ ފަތިހު 04:00 އާ ހަމައަށް ބްރެންޓް ކްރޫޑްގެ އަގު ވަނީ ފީފާއަކަށް 79.44 ޑޮލަރަށް އަރާފައެވެ. މިއީ ކުރީ ދުވަހާ އަޅާބަލާއިރު 1.70 ޑޮލަރު ނުވަތަ 2.2 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ ހޯމަ ދުވަހު ބްރެންޓް ކްރޫޑްގެ އަގު ވަނީ 82.37 ޑޮލަރަށް އުފުލިފައެވެ. މިއީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހަށްފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ނަމަވެސް، ދުވަސް ނިމުނުއިރު އަގުތަކަށް ކުޑަ ބަދަލެއް އައިސް، ޖުމްލަ 6.7 އިންސައްތައިގެ ކުރިއެރުމަކާއެކު މާކެޓް ވަނީ ބަންދުވެފައެވެ.
އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް (ޑަބްލިއު.ޓީ.އައި) ކްރޫޑްގެ އަގުވެސް ވަނީ 1.17 ޑޮލަރު ނުވަތަ 1.6 އިންސައްތަ މަތިވެ، ފީފާއަކަށް 72.40 ޑޮލަރަށް އަރާފައެވެ. މީގެ ކުރީގެ ސެޝަންގައި ޑަބްލިއު.ޓީ.އައިގެ އަގު ވަނީ 2025 ވަނަ އަހަރުގެ ޖޫން މަހަށްފަހު އެންމެ މަތީ މިންވަރަކަށް އުފުލިފައެވެ.
އައި.ޖީ މާކެޓް އެނަލިސްޓް ޓޯނީ ސައިކަމޯރް ވިދާޅުވި ގޮތުގައި، މަސްރަހު ފިނިވާނެ ކަމުގެ އަލާމާތެއް ނުފެންނާތީއާއި، ހޮރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮތުމުގެ އިތުރުން، ސަރަހައްދީ ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދިނުމުގެ ފުރުސަތު އޮތުމުން، ތެލުގެ އަގު އިތުރަށް އުފުލުމުގެ ބިރު އެބައޮތެވެ.
މެދުއިރުމަތީގެ ހަނގުރާމައް ދިގުލައިގެންދާ ވަރަކަށް، ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އިންވެސްޓަރުންގެ މެދުގައި ވަނީ ބޮޑުވެފައެވެ.


