Tuesday, 28 July 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި "ރޯދަ މާރުކޭޓު" -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ރޯދަ މާރުކޭޓު ހުޅުވައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި "ރޯދަ މާރުކޭޓު" ރަސްމީކޮށް ހުޅުވައިފިއެވެ. މި މާރުކޭޓަކީ ރަމަޟާން މަހު އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ފަސޭހަކަމާއެކު ގާތުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަގްސަދުގައި އެޗްޑީސީން ގާއިމުކުރި ތަނެކެވެ.

މި މާރުކޭޓު ގާއިމްކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަޙައްދުގައި ހުންނަ ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ބިމުގައެވެ. އެޗްޑީސީން ވިދާޅުވި ގޮތުގައި މި މާރުކޭޓުން މަހުގެ ބާވަތްތަކާއި، ތަރުކާރީ އާއި މޭވާގެ އިތުރުން ދިވެހި އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ތަފާތު ކާބޯތަކެތި ލިބެން ހުންނާނެއެވެ. މިއީ އެ ސަރަޙައްދުގެ އާބާދީ އިތުރުވަމުންދާތީ، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި މާރުކޭޓާ ގުޅޭގޮތުން އިތުރު ތަފްސީލް ދެއްވަމުން އެޗްޑީސީން ވިދާޅުވީ، މާރުކޭޓުގައި ޖުމްލަ 24 ގޮޅި ހިމެނޭ ކަމަށާއި، މި ގޮޅިތައް ދޫކޮށްފައިވަނީ ކުލި ދައްކަން ނުޖެހޭ ގޮތަށް ކަމަށެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް ލުއިތަކެއް ލިބި، ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ވިއްކުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން އުންމީދު ކުރެއެވެ. މި ގޮޅިތަކުގައި ވިއްކުމަށް ހުއްދަ ދީފައިވަނީ ހަމައެކަނި ކާބޯތަކެތީގެ ބާވަތްތަކަށެވެ.

ހުޅުމާލެއަކީ ހުރިހާ ޚިދުމަތްތަކެއް ފަސޭހައިން ލިބޭނެ ތަނަކަށް ހެދުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތުގެ ދަށުން، ވޭތުވެދިޔަ އަހަރުތަކުގައިވެސް ރޯދަ މަހާ ދިމާކޮށް މިފަދަ ވަގުތީ މާރުކޭޓުތައް ވަނީ ހުޅުވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *