ޔަންމާ ބްރޭންޑާ ގުޅިގެން މާކެޓަށް ނެރުނު މި ސްޓިއަރިން ސިސްޓަމަކީ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވާނެ ޒަމާނީ ސޮލިއުޝަނެއް ކަމަށް އެމްޓީސީސީން ބުނެ އެވެ. މި ސިސްޓަމްގެ ސަބަބުން އުޅަނދުފަހަރު ކޮންޓްރޯލް ކުރުމުގައި ކުރިން ދިމާވި ދަތިތަކަށް ހައްލު ލިބި، ދުއްވާ ފަރާތްތަކަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.
މި އާ ސިސްޓަމްގެ ސަބަބުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ އެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި، މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް ބޭނުންކުރުމުން އުޅަނދު ދުއްވާ ފަރާތްތަކަށް އޮންނަ އިތުބާރާއި ޔަގީންކަން ބޮޑުވެ، ކަނޑުމަތީގެ ސަލާމަތީ މިންގަނޑުތައް ހަރުދަނާ ކުރުމަށް މަގުފަހިވާނެ އެވެ.
މިއީ ރާއްޖޭގެ ކަނޑުތަކާއި މާހައުލާ ގުޅޭނެހެން ފަރުމާކޮށްފައިވާ، ފެންވަރު ރަނގަޅު އަދި އަގުހެޔޮ އުފެއްދުމެއް ކަމަށް އެމްޓީސީސީން ބުނެ އެވެ. މިފަދަ ހައްލުތައް މާކެޓަށް ނެރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް އިތުބާރު ހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.


