Tuesday, 28 July 2026

އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

ވޭތުވެދިޔަ އާދިއްތަ ދުވަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ވެސް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަސް ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ދުވަހު އެކަނިވެސް ރާއްޖެއަށް 10,253 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން އައި ދުވަސް ކަމަށްވާ 2024 ފެބްރުއަރީ 10 ވަނަ ދުވަހު ޒިޔާރަތްކުރި 10,213 ފަތުރުވެރިންގެ ރެކޯޑު މުގުރާލި އަދަދެކެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ރާއްޖެއަށް ޖުމްލަ 235,041 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 4.8 އިންސައްތައިގެ ކުރިއެރުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ޖަނަވަރީ މަހަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހެވެ. އެ މަހު ރާއްޖެއަށް 224,788 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. އެގޮތުން 68.4 އިންސައްތަ ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކުރާއިރު، 26.6 އިންސައްތަ ފަތުރުވެރިން ޚިޔާރުކުރަނީ ގެސްޓްހައުސްތަކެވެ. އަދި 2.7 އިންސައްތަ ފަތުރުވެރިން ހޮޓާތަކުގައި މަޑުކުރެއެވެ. މިހާރު ރާއްޖޭގެ 19 އަތޮޅެއްގައި ޖުމްލަ 179 ރިސޯޓު އަންނަނީ ހިންގަމުންނެވެ.

މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ރަޝިޔާ އެވެ. އެ ގައުމުން 30,484 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ޗައިނާއިން 24,576 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން އިޓަލީ، އިނގިރޭސިވިލާތް އަދި ޖަރުމަނަކީ ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *