މިއަހަރު ނިމޭއިރު ފާއިތުވި އަހަރާ އަޅާބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖުމްލަ އާމްދަނީ، 5.55 ބިލިއަން ޑޮލަރަށް އަރާ 16 އިންސައްތަ މަތިވާނެކަމަށް ލަފާކުރެވޭކަން ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެންވާރަމެންޓް މިނިސްޓަރު ތާރިގު އިބްރާހީމްއެވެ.
ސަރުކާރުން މިހާރު އަމަލުކުރަމުންދާ ފަސްވަނަ ޓޫރިޒަމް މާސްޓާޕްލޭނުގެ މައިގަނޑު އަމާޒަކީ، 2027 ވަނަ އަހަރާ ހަމައަށް ޓުއަރިޒަމްއިން ލިބޭ ޖުމްލަ އާމްދަނީ ހަ ބިލިއަން ޑޮލަރަށް އިތުރުކުރުންކަން މިނިސްޓަރު ތާރިގު ވިދާޅުވެފައިވެއެވެ. އެހެންކަމުން ރާއްޖޭގައި ފަތުރުވެރިން ހޭދަކުރެވޭ މިންވަރު މަތިކުރުމަށާއި ފަތުރުވެރިންގެ ޒިޔާރަތްކުރާ އަދަދު އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވި، މިއަމާޒަށް ވާސިލްވެ ނަތީޖާތަށް ލިބެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ނިމުނު އަހަރުގެ ފަތުރުވެރިކަމުގެ ޖުމްލަ އާމްދަނީ 4.79 ބިލިއަން ޑޮލަރެވެ. މި އަހަރަށް ލަފާކުރެވިފައިވަނީ 5.45 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނަމަވެސް، މިހާރު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދަށާއި ހޭދަކުރާ މިންވަރަށް ބަލައި، މި މިހާރު ވަނީ 5.55 ބިލިއަން ޑޮލަރަށް މަތިކުރެވިފައިވާ ކަމަށް އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ލަފާކުރެއެވެ.
"މިއަދާ ހަމައަށް އަޅުގަނޑުމެން އައިއިރު، ޓޫރިޒަމްގެ އާމްދަނީއިން ލިބިފައި ހުރި މެޓްރިކްސުން، މިއަދާހަމައަށް ފޯކާސްޓު ކުރެވިގެން މިދަނީ ގާތްގަނޑަކަށް 5.5 ބިލިޔަން ޔޫއެސް ޑޮލާސް ލިބޭނެ ކަމަށް މި ލަފާކުރަނީ. އެއީ ގާތްގަނޑަކަށް 16 ޕަސެންޓުގެ ކުރިއެރުމެއް،".. ޓޫރިޒަމް މިނިސްޓަރު ތާރިގު
ފަތުރުވެރިން ޒިޔާރަތްކުރާ އަދަދަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖެއަށް ފަތުރުވެރިންގެ އަދަދު 2.04 މިލިއަންއެވެ. ނަމަވެސް މި އަހަރު 2.24 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް މިހާރު ލަފާކުރެވޭއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 9.4 އިންސައްތައިގެ ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.
ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް، އެ ސިނާއަތުގެ މަންފާ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ބެހޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރަމުންނެވެ. މި ސަރުކާރު ހަވާލުވުމަށްފަހު، ފަތުރުވެރިކަމުގެ ތަރައްގީއަށް 27 ތަނެއް ދޫކޮށްފައިވާކަމަށް ވަޒީރު ހާމަކޮށްފައެވެ.
އެ 27 ތަނުގެތެރެއިން 13 ތަން ކްލޯޒްޑް ބިޑިންގެ ދަށުން ދޫކުރެވިފައިވާއިރު، ސަރުކާރުން ތައާރަފުކޮށްފައިވާ ކްރޮސް ސަބްސިޑީ އުސޫލުގެ ދަށުން 10 ތަން ދޫކުރެވިފައެވެ. އަދި އޯޕަން ބިޑިންގެ ދަށުން 4 ތަން ކުއްޔަށް ދޫކުރެވިފައެވެ.ފަތުރުވެރިކަން ތަރައްގީވެފައި ނެތް ހަ އަތޮޅެއްގައި މި ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ގިނަ ލުއިތަކެއް ތައާރަފުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެގޮތުން ޓޫރިޒަމް ވިޔަފާރި ގާއިމުކުރާ ފަރާތްތަކަށް ލީސް އިކުއިޒިޝަން ކޯސްޓު ކުޑަކޮށްދިނުމާއި، ގްރޭސް ޕީރިއަޑުގައި ކުލި ފަސްކުރުމުގެ އިހުތިޔާރު ދިނުމާއި، ކެޕިޓަލް އިންވެސްޓްމަންޓުގެ 15 އިންސައްތައާ ހަމައަށް ޑިއުޓީ މައާފުކުރުން ހިމެނެއެވެ.
އިތުރުން، ބީލަމަށް ހުޅުވާލައި ދޫކުރާ ފަޅާއި ރަށްރަށުގެ ލީސް އިކުއިޒިޝަން ކޯސްޓު ބަހާލައިގެން ދެއްކުމުގެ ފުރުސަތުތަކާއި، ޑިއުޓީ މައާފުކުރުމުގެ އިތުރު ކެޓަގަރީތަކެއްވެސް ތައާރަފުކުރެވިފައިވެއެވެ.
މުޅިން އަލަށް ތައާރަފުކުރެވުނު “ހަލާލް ޓޫރިޒަމް” ކޮންސެޕްޓުގެ ދަށުން ތަރައްގީކުރާ ތަންތަނަށް ހާއްސަ ލުއިތަކެއް ދީފައިވާކަމަށްވެސް ވަނީ ހާމަކޮށްފައެވެ. މި ލުއިތަކުގައި ލީސް އިކުއިޒިޝަން ކޯސްޓު 20 އިންސައްތަ ކުޑަކޮށްދިނުމާއި، ގްރޭސް ޕީރިއަޑު ކުރިން ރަށް ތަރައްގީ ނިންމާފިނަމަ ބާކީ މުއްދަތަށް ބިމުގެ ކުލި، ކެޕިޓަލް އިންވެސްޓްމަންޓުގެ 20 އިންސައްތައާ ހަމައަށް ޑިއުޓީ މައާފުކުރުން ހިމެނެވިފައިވާ ކަންް މިނިސްޓަރ ހާމަކޮށްފައިވެއެވެ.


