ސަރުކާރު ކުންފުނިތަކުގެ ދަރަނި 37 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ނެރެފައިވާ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރު އެންމެ ބޮޑު ދަރަންޏެއް އޮތީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެއެވެ. އެގޮތުން އެ ކުންފުނީގައި އެކަނި ވެސް 13 ބިލިއަން ރުފިޔާގެ ދަރަނި އެބަ އޮތެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގައި 11.7 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ.
ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައެވެ. އެ ކޯޕަރޭޝަނުގައި 9.3 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތެވެ.
މައިގަނޑު ގޮތެއްގައި އަމިއްލަ ޚަރަދުގައި ހިންގާ ސަރުކާރު ކުންފުނިތަކުގައި 33.1 ބިލިއަން ދަރަނި އޮތްއިރު، ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭން ޖެހޭ ކުންފުނިތަކުގެ ދަރަނި 3.97 ބިލިއަނަށް އަރައެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ، 3.2 ބިލިއަނުގައެވެ.
އެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އުފައްދާފައި އޮތީ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އެވެ. މިގޮތުން، އެ ކުންފުނީގެ ދަރަނި 2.7 ބިލިއަނަށް އަރައެވެ.
ދައުލަތުގެ ކުންފުނިތަކުގެ ދަރަނި ބޮޑުވެފައިވާއިރު، މި ސަރުކާރުން ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން، މަޝްރޫއުތައް ހިންގާ ޚަރަދުގައި ކުރިއަށްގެންދިޔުމަށް، ގިނަ އަދަދެއްގެ މަޝްރޫއުތައް އެ ކުންފުނިތަކާ ހަވާލުކޮށްފައިވެއެވެ.
ޕީސީބީގެ ރިޕޯޓުގައި ވާގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 37،900 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ. އެއީ، ސިވިލް ސާވިސްގައި މަސައްކަތްކުރާ 30،436 މުވައްޒަފުންނަށް ވުރެ ވެސް މާ އިތުރު އަދަދެކެވެ.


