Tuesday, 28 July 2026

ރާއްޖެއަށް އެތެރެކުރާ މުދަލަށް ޑެމެރޭޖް ނާރާ ވަގުތު އިތުރުކޮށް، މުދާ ކްލިއަރކުރުން 24 ގަޑިއިރަށް ބަދަލުކޮށްދޭނަން: ރައީސް

ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއަރ ކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމުގެ ގޮތުން، މުދަލަށް ޑެމެރޭޖް ނާރާ ވަގުތު އިތުރުކޮށް، ކްލިއަރ ކުރުމުގެ މަސައްކަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި، އެފަރާތްތަކުން ފާހަގަކުރި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުންނެވެ.

ވިޔަފާރިވެރިންގެ ތެރެއިން ކާގޯގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ފާހަގަކުރެއްވި ގޮތުގައި، މިހާރު އެއަރޕޯޓުގައި އެމްއޭސީއެލް އިން މުދާ ކްލިއަރ ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. މުދާ އެތެރެކޮށް ގިނަ ވަގުތު ބަހައްޓަން ޖެހުމުގެ ސަބަބުން، މުދާ ބަހައްޓައިގެން ދައްކަން ޖެހޭ އަގު ނުވަތަ ޑެމަރޭޖް ފީ އިތުރުވެގެންދާކަމީ ވިޔަފާރިތަކަށް ބޮޑު ޚަރަދެއް އަންނަ ކަމެއް ކަމަށް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ މިކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން، މިހާރު ޑެމަރޭޖް ނާރާ ފްރީކޮށް ލިބޭ 80 ގަޑިއިރުގެ މުއްދަތު، އެމްއޭސީއެލްއާ މަޝްވަރާކޮށް 124 ގަޑިއިރަށް އިތުރުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ކަސްޓަމްސްއާއި އެމްއޭސީއެލް ގުޅިގެން މުދާ ކްލިއަރ ކުރުމަށް މިހާރު އޮންނަ ގާތްގަނޑަކަށް 18 ގަޑިއިރުގެ ޝިފްޓްތައް ބަދަލުކޮށް، 24 ގަޑިއިރު މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ބޭރުން މުދާ ގެންނަ ވިޔަފާރިވެރިންނަށް އެއަރޕޯޓުތަކާއި ސީޕޯޓުތަކުގައި ދިމާވާ ހުރިހާ ދަތިތަކެއް ހައްލުކޮށްދިނުމަށް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށްގެން ހައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. މުދާ ކްލިއަރ ކުރުމުގެ މައްސަލަތަކުގެ އިތުރުން، ވިޔަފާރިވެރިން ފާޅުކުރި ބިދޭސީންގެ ކޯޓާ މައްސަލައާއި، ބިލްތަކަށް ފައިސާ ނުލިބި ޓެކްސް ދައްކަން ޖެހުމުގެ މައްސަލަތަކަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚާއްސަކޮށް ފައިސާ ނުލިބި ހުރި ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ، ދައުލަތުން އެފަރާތްތަކަށް ދައްކަން ހުރި ފައިސާއިން ކަނޑާލެވޭނެ ގޮތަށް ރަނގަޅު އިންތިޒާމެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ދިމާވެފައިވާ މައްސަލަތައް ވެސް ހައްލުކޮށް، އެފަދަ ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *