އިކޮނޮމިކް މިނިސްޓްރީން ހިންގި ހަރަކާތެއްގައި، ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 74 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް ހާމަކޮށްފި އެވެ. މިނިސްޓްރީން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، މިދިޔަ މަހު 29 އިން ފެށިގެން އިއްޔެގެ ނިޔަލަށް ހިންގި މި ހަރަކާތުގެ ދަށުން ގިނަ އަދަދެއްގެ ވިޔަފާރިތައް ވަނީ ބަންދުކޮށްފަ އެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ބުނެ އެ މުއްދަތުގައި ޖުމްލަ 252 ޝަކުވާއެއް މިނިސްޓްރީއަށް ލިބިފައިވެ އެވެ. މި ޝަކުވާތަކާ ގުޅިގެން މިނިސްޓްރީގެ އިންސްޕެކްޓަރުން ވަނީ 98 ވިޔަފާރިއެއް ބަލައި ފާސްކޮށްފަ އެވެ. މި ހަރަކާތުގެ މަގްސަދަކީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ވިޔަފާރިތައް ހިންގުމަށް ބާރުއެޅުމާއި، ގަވާއިދާ ހިލާފު އަމަލުތައް ހުއްޓުވުމެވެ.
ބަލައި ފާސްކުރި ވިޔަފާރިތަކުގެ ތެރެއިން ޖުމްލަ 74 ވިޔަފާރިއެއް ބަންދުކުރި އިރު، މިނިސްޓްރީއާ ގުޅޭ ގާނޫނުތަކާ ހިލާފުވެގެން 25 ވިޔަފާރިއެއް އަދި އެހެނިހެން ގާނޫނުތަކާ ހިލާފުވެގެން 12 ވިޔަފާރިއެއް ހިމެނެ އެވެ. އަދި އޭގެ ތެރެއިން 37 ވިޔަފާރިއެއް ވަނީ އާންމުކޮށް ބަންދުކޮށްފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި، މި މުއްދަތުގައި ބަންދުކުރި ވިޔަފާރިތަކުގެ ތެރެއިން އަލުން ހުޅުވަން ހުއްދަ ދީފައިވަނީ އެންމެ 8 ވިޔަފާރިއަކަށެވެ.
ނަމަވެސް، ބަންދުކުރި ވަކިވަކި ވިޔަފާރިތަކުގެ ތަފުސީލެއް އިކޮނޮމިކް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.


