ރ. ދުވާފަރުގައި މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދޭނެ ފުރަތަމަ ފިއުލް ސްކިޑް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ސްކިޑް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ތެރޭގައި ހިމެނޭ، މަސްވެރިންނަށް ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭނެ ގޮތް ހެދުމުގެ މަސައްކަތުގެ ފެށުން މި ފިއުލް ސްކިޑަކީ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މި ސްކިޑަކީ، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް، އެކި ސަރަހައްދުތަކުގައި ގާއިމުކުރަން ނިންމި ފިއުލް ސްކިޑުތަކުގެ ތެރެއިން ފުރަތަމަ ސްކިޑެވެ.
މި ތަން ގާއިމުކުރީ ސަރުކާރުގެ ކުންފުނި، އެސްޓީއޯއިން ކަމަށްވާއިރު، ޖުމުލަ 18 ފިއުލް ސްކިޑެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކުރާނެއެވެ. އެސްޓީއޯއިން ޔަގީންކަން ދީފައިވާ ގޮތުގައި އެ ފިއުލް ސްކިޑުތައް އަންނަ މާރިޗު މަހުގެ ނިޔަލަށް ގާއިމުކުރެވޭނެއެވެ.


