ޓޫރިޒަމް ކުރިއަރާފައިވާ ވ. އަތޮޅުގެ ތިން ރަށެއްގައި އަންނަ އަހަރުގެ މާޗް މަހުގެ ކުރިން ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގުދުރަތީ ރީތިކަމާއެކު "ވާއުއެޓޯލް" ގެ ނަމުން މަޝްހޫރުވެފައިވާ އެ އަތޮޅަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި، މީހުން ދިރިއުޅޭ ފަސް ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި އެވެ. މި ދަތުރުފުޅުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ފުލިދޫ، ފެލިދޫ އަދި ކެޔޮދޫގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ތިން ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމާފައިވަނީ، އެ ރަށްތަކަކީ ގިނަ އަދަދެއްގެ ޑޮލަރު ދައުރުވަމުންދާ ރަށްތަކަކަށް ވުމާއެކު، ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. ކެޔޮދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަމުގައި އަމަލީ ސިފަ ގެނައުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމުގައެވެ.
ވ. އަތޮޅުގެ ޓޫރިޒަމް ކުރިއަރާފައިވަނީ މައިގަނޑު ގޮތެއްގައި ޝިޕްރެކް ސަރަހައްދަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި ދިވެހިންގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. އެ ސަރަހައްދަކީ ޓޫރިސްޓުންނާއި ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.


