ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އާޓިފިޝަލް ބީޗްގައި "ވޭކަޕް" ގެ ނަމުގައި ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް އެ ޕާޓީން މައުލޫމާތު ދީފި އެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކަމަށް ޕީއެންއެފުން ބުނެފައިވެ އެވެ. މިއީ އެ ޕާޓީން އާޓިފިޝަލް ބީޗްގައި ބާއްވާ ފުރަތަމަ ޖަލްސާ އެވެ.
2023 ވަނަ އަހަރުގެ ފަހުކޮޅު އުފެއްދި ޕީއެންއެފުން މިހާތަނަށް އެ ޕާޓީގެ ހަރަކާތްތައް ބާއްވަމުން އައީ ކުރީގެ ރައީސް ޔާމީންގެ އަމިއްލަ ގެކޮޅުގައި ޤާއިމުކޮށްފައިވާ ޕާޓީގެ އޮފީހުގައެވެ. އަދި މި ހަރަކާތްތައް ޔާމީނަށް ތާއީދުކުރާ ޗެނެލް 13 އިން ލައިވްކޮށް ދައްކަމުން އައިސްފައިވެ އެވެ.
ޕީއެންއެފުން މިފަދަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވަނީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި މި ޖަލްސާގައި ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވާނެ ކަމަށް ޕާޓީން އުންމީދުކުރެ އެވެ.


