އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕަރސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) މަގާމުން ވަކިކުރުމަށާއި، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ. ހަނިމާދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގަފޫރު މި މަގާމަށް އައްޔަނު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ގަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ތައްޔާރުކުރާ ޕެޓިޝަނުގައި މިހާތަނަށް 50 އަށްވުރެ ގިނަ މެންބަރުން ވަނީ ސޮއިކޮށްފައެވެ. މި ޕެޓިޝަނަކީ ގަފޫރު މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި ހުށަހަޅާ ޕެޓިޝަނެކެވެ. އެމްޑީޕީގެ އުސޫލުތައް ބުނާގޮތުން ގައުމީ މަޖިލީހުގެ 10 މެންބަރަކު ސޮއިކޮށް ހުށަހަޅައިފިނަމަ ޖަލްސާއެއް ބޭއްވުން ލާޒިމްވެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލު އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދީފައި ނުވާތީއެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ޖަލްސާ ބޯއިކޮޓްކޮށްފައިވާއިރު، ޕާޓީގެ އެތެރޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
މީގެ އިތުރުން، އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު އަޙްމަދު މަޢުރޫފާއި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) ކުއްލި ގޮތަކަށް މަގާމުން ވަކިކުރުމަށް ގަފޫރު ސޮއިކުރައްވައި ސިޓީ ފޮނުއްވި މައްސަލައިގައި ވެސް ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ޕެޓިޝަންގެ މަސައްކަތް އިސްވެ ކުރިއަށް ގެންދަވަނީ ރައީސް ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ތާއީދުކުރާ ފެކްޝަނުންނެވެ.
ގަފޫރު ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވީ ގައުމީ މަޖިލީހުގެ 65 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރުމާއި، ލީޑަޝިޕްގެ ތެރޭގައި އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން މިހާރު ވަނީ ގަފޫރުގެ އިތުބާރު އޮތްތޯ ބެލުމުގެ މަރުހަލާ ފެށިފައެވެ.


