Tuesday, 28 July 2026
އައްޑޫ ސިޓީގެ ކުރީގެ މޭޔަރު، އަބްދުﷲ ސޯދިގު (ސޯބެ) - ފޮޓޯ: ފޭސްބުކް (ސޯބެ)

ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ކުރީގެ މޭޔަރު ސޯބެއަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) ހަމަޖައްސައިފިއެވެ. އެމްޑީޕީން މިގޮތަށް ނިންމީ އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ސޯބެ ފިޔަވައި އިތުރު މެންބަރަކު ކުރިމަތިލާފައި ނުވާތީއެވެ.

އެމްޑީޕީން އެ ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިއަދު މެންދުރު 14:00 އާ ހަމައަށެވެ. ނަމަވެސް، އެ މުއްދަތު ހަމަވިއިރު ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވަނީ ހަމައެކަނި ސޯބެގެ ފޯމު ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އިއުލާނުގެ މުއްދަތު ހަމަވިއިރު ކުރިމަތިލާފަވާނީ އެންމެ މެންބަރަކަށްވާތީ، ޢަބްދުﷲ ޞާދިޤު، ކައުސަރު / ސ. ހިތަދޫ އަކީ މިޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ކެންޑިޑޭޓްކަމަށް އާއްމުކޮށް އަންގާ އިއުލާންކުރީމެވެ."

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމާ ގުޅިގެންނެވެ. މި ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ތައްޔާރީތައް މިހާރު ވަނީ ފެށިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *