Monday, 27 July 2026

ނަރެންދުރަ މޯދީގެ ތާރީޚީ ކާމިޔާބީ: އިންޑިއާގެ ތާރީޚުގައި އެންމެ ގިނަ ދުވަހު މަޤާމުގައި ދެމިހުންނެވި އިންތިޚާބީ ބޮޑުވަޒީރު

10 ޖޫން 2026 ގައި، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑިއާގެ ތާރީޚުގައި އެންމެ ގިނަ ދުވަހު މަޤާމުގައި ދެމިހުންނެވި އިންތިޚާބީ ބޮޑުވަޒީރުގެ ޝަރަފު ހޯއްދަވައި، އައު ރެކޯޑެއް ގާއިމުކުރައްވާފައެވެ. މިއާއެކު، އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫ ދަމަހައްޓަވަމުން އައި ރެކޯޑު މޯދީ ވަނީ މުގުރާލައްވާފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ތާރީޚުގައި މިއީ ވަރަށް މުހިންމު ކާމިޔާބީއެކެވެ. މެއި 26، 2014 ގައި ފުރަތަމަ ފަހަރަށް މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، މޯދީ ވަނީ ޖެހިޖެހިގެން ތިން އާންމު އިންތިޚާބު ކާމިޔާބުކުރައްވައި، ބާރަ އަހަރަށްވުރެ ގިނަ ދުވަހު ގައުމުގެ ޒައާމަތު ބަލަހައްޓަވާފައެވެ. މި މުއްދަތުގެ ތެރޭގައި އިންޑިއާގެ ސިޔާސީ، އިގްސާދީ އަދި ޚާރިޖީ މިސްރާބު ބައްޓަންކުރުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

އިންތިޚާބީ ކާމިޔާބީތަކުގެ ސިލްސިލާ

މޯދީ ގައުމީ ފެންވަރުގައި މަޤާމަށް ވަޑައިގަތީ 2014 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއާ އެކުގައެވެ. ތަރައްގީއާއި، ދައުލަތް ހިންގުމުގެ ނިޒާމު އިސްލާހުކުރުމާއި، އިގްސާދީ ކުރިއެރުމަށް އޭނާ ގެންގުޅުއްވި ތަސައްވުރަށް އިންޑިއާގެ އެތައް މިލިއަން ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. އޭގެ ފަސް އަހަރު ފަހުން، 2019 ގެ އިންތިޚާބުގައި ކުރިއަށްވުރެ ވެސް ބޮޑު އަޣުލަބިއްޔަތެއް ހޯއްދެވިއިރު، 2024 ވަނަ އަހަރު ވަނީ ޖެހިޖެހިގެން ތިންވަނަ ދައުރަކަށް އިއްތިހާދީ ސަރުކާރެއް އެކުލަވާލައްވާފައެވެ.

ޒަމާނީ ޑިމޮކްރެޓިކް ސިޔާސަތުގައި މިފަދަ ދެމެހެއްޓެނިވި ކާމިޔާބީއެއް ހޯދުމަކީ ވަރަށް ނާދިރު ކަމެކެވެ. މިއީ ތަފާތު ޖީލުތަކާއި އެކި ސަރަހައްދުތަކުގެ ރައްޔިތުންގެ އިތުބާރު ހޯއްދެވުމުގައި މޯދީއަށް ލިބިވަޑައިގެންފައިވާ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެކެވެ.

އިންޑިއާގެ ތަރައްގީގެ މޫނުމަތި ބަދަލުކުރުން

ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި، އުމްރާނީ ތަރައްގީއާއި، ޓެކްނޮލޮޖީ އަދި އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާއިން އިންޑިއާއަށް ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މަގުތަކާއި، ރޭލުވޭތަކާއި، ވައިގެ ބަނދަރުތަކުގެ އިތުރުން ޑިޖިޓަލް އިންފްރާސްޓްރަކްޗާއާއި ސިޓީތައް ތަރައްގީކުރުމަށް ކުރެވުނު ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން، މުޅި ގައުމުގެ ގުޅުންތަކަށް (connectivity) ވަނީ އިންގިލާބީ ބަދަލެއް އައިސްފައެވެ.

ބޭންކިންގް ޚިދުމަތްތަކާއި، ބޯހިޔާވަހިކަމާއި، ސިއްހީ ފަރުވާއާއި، ސާފުތާހިރުކަމުގެ އިތުރުން އިއާދަކުރަނިވި ހަކަތަ ފަދަ އަސާސީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ފެށި މަޝްރޫއުތަކުގެ ސަބަބުން އެތައް މިލިއަން ރައްޔިތުންގެ ދިރިއުޅުމަށް ވަނީ ހެޔޮ އަސަރުތަކެއް ކޮށްފައެވެ. ޚާއްސަކޮށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިންޑިއާ ހޯދާފައިވާ ހަލުވި ކުރިއެރުމުގެ ސަބަބުން، ޓެކްނޮލޮޖީގެ އެހީގައި ވެރިކަން ހިންގުމުގެ ދުނިޔޭގެ ނަމޫނާ ގައުމަކަށް އިންޑިއާ ވަނީ ވެފައެވެ.

މީގެ އިތުރުން، އިގްސާދީ އިސްލާހީ ފިޔަވަޅުތަކާއި، ގައުމީ އުފެއްދުންތެރިކަން ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ބޭނުމަކީ އިންޑިއާގެ ތަރައްގީގެ ސަފުހާތައް އައު އުސްމިންތަކަކަށް ގެންގޮސްދިނުމެވެ. އަދި އައު އީޖާދުތަކާއި ވިޔަފާރިވެރިކަމަށް ހިތްވަރުދިނުމަށް އެކުލަވާލާފައިވާ ސިޔާސަތުތަކަކީ ވެސް މި ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.

ދުނިޔޭގެ މަސްރަޙުގައި އިންޑިއާގެ ދައުރު އުފުލިގެންދިޔުން

މޯދީގެ ޒައާމަތުގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ ދުނިޔޭގެ މަސްރަޙުގައި އިންޑިއާގެ ނުފޫޒާއި ދައުރު ފުޅާވެގެން ދިޔުމެވެ. އޭނާގެ އިރުޝާދުގެ ދަށުން، އިންޑިއާއިން ވަނީ އިސްތިރާތީޖީ ގުޅުންތައް ވަރުގަދަކޮށް، ސަރަހައްދީ އެއްބާރުލުން އިތުރުކޮށް، ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އިސް ދައުރެއް އަދާކުރަން ފަށާފައެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އިގްސާދީ އެއްބާރުލުމުގެ އިތުރުން ޓެކްނޮލޮޖީގެ އީޖާދުތަކާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި ނިންމޭ ނިންމުންތަކުގައި އިންޑިއާއަކީ މިހާރު މުހިންމު ބަހެއް ބުނާ ގައުމެކެވެ. އޭޝިއާ، އެފްރިކާ، ޔޫރަޕް، މެދުއިރުމަތި އަދި އެމެރިކާ ބައްރުގެ ގައުމުތަކާއެކު އޮންނަ ސިފްލޫމާތީ ގުޅުންތައް މި މުއްދަތުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ.
ދިވެހިރާއްޖެ ހިމެނޭހެން އިންޑިއާގެ އަވަށްޓެރި ގައުމުތަކަށް ބަލާއިރު، ތަރައްގީގެ މައިދާނުގައްޔާއި، ދަތުރުފަތުރާއި މުއާސަލާތީ ގުޅުންތަކުގެ އިތުރުން، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި (capacity building) ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަލުކުރުމުގައި އިންޑިއާއަކީ އަދިވެސް އެންމެ މުހިންމު އެއް ބައިވެރިޔާއެވެ.

ތާރީޚުގެ ތެރެއަށް ބަދަލުވަމުންދާ ލެގަސީއެއް

ސިޔާސީ ލީޑަރުންގެ ފެންވަރު ވަޒަންކުރެވެނީ ހަމައެކަނި އެ ބޭފުޅުން މަޤާމުގައި ދެމިތިއްބަވާ މުއްދަތަކަށް ބަލައިގެނެއް ނޫނެވެ؛ އެއަށްވުރެ ބޮޑަށް ބަލަނީ ގައުމަށް ދޫކުރައްވާ އަސަރުތަކަށެވެ. މޯދީގެ ސަޕޯޓަރުން އޭނާގެ ޒައާމަތަކީ ގައުމަށް އައި ބޮޑު ބަދަލެއްގެ ގޮތުގައާއި ގައުމީ ސާބިތުކަން ވަރުގަދަވި ދުވަސްވަރެއްގެ ގޮތުގައި ދެކޭއިރު، އޭނާގެ ސިޔާސަތުތަކާއި ވެރިކަން ހިންގުމުގެ ބައެއް ކަންކަމާ މެދު ފާޑުކިޔާ ފަރާތްތަކުގެ މެދުގައި ބަހުސްތައް އަދިވެސް ދަނީ ކުރެވެމުންނެވެ. މި ތަފާތު ޚިޔާލުތަކަކީ ޒަމާނީ އިންޑިއާގެ ޑިމޮކްރަސީގެ ހަލަބޮލިކަމާއި ދިރުން ހާމަކޮށްދޭ ކަންކަމެވެ.

ނަރެންދުރަ މޯދީ މި ތާރީޚީ ކާމިޔާބީ ހާސިލުކުރެއްވުމާއެކު، އިންޑިއާގެ ސިޔާސީ ތާރީޚުން އޭނާއަށް ވަނީ ވަރަށް މުހިންމު މަގާމެއް ކަށަވަރުވެފައެވެ. އެހެންނަމަވެސް، އޭނާގެ ތިންވަނަ ދައުރު އަދިވެސް ކުރިއަށްދާތީ، އޭނާގެ ޒައާމަތުގެ ކުރިއަށް ހުރި ބައިތަކާއި، އޭނާގެ ވެރިކަމާ ގުޅޭގޮތުން ތާރީޚުގައި ލިޔެވިގެންދާނެ ފަހުގެ ނިންމުންތައް އަދިވެސް އަންނަނީ ބައްޓަންވަމުންނެވެ.

ކޮންމެއަކަސް، 10 ޖޫން 2026 އަކީ އިންޑިއާގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ދުވަހެކެވެ. އެއީ ނަރެންދުރަ މޯދީ، އިންޑިއާގެ ތާރީޚުގައި އެންމެ ގިނަ ދުވަހު މަޤާމުގައި ދެމިހުންނެވި އިންތިޚާބީ ބޮޑުވަޒީރުގެ ޝަރަފު ހޯއްދެވި ދުވަހެވެ. މިއީ އޭނާގެ ސިޔާސީ ސާބިތުކަމާއި، އިންޑިއާގެ ޒަމާނީ ތާރީޚުގައި އޭނާ ހިއްސާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ރެކޯޑެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *